ޔާމީނަށް ޓިކެޓު ދީފިނަމަ ޕީޕީއެމްގެ މެމްބަރުން ޖެހޭނީ އަބަދު ދިފާއަށް ކުޅެން: އުމަރު

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު އަބްދުﷲ ޔާމީނަށް ދީފިނަމަ ޕީޕީއެމްގެ މެމްބަރުންނަށް ޖެހޭނީ އަބަދު ދިފާއަށް ކުޅެން ކަމަށް އޭނާގެ ވާދަވެރިޔާ އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވައި، މިރޭ ބޭއްވި އުމަރުގެ ކެމްޕޭން ޖަލްސާގައި އުމަރު ވިދާޅުވީ ޔާމީންގެ ކެމްޕޭނުގެ އިސްބޭފުޅުން ދެއްކެވި ވާހަކައިގެ 80 ޕަސެންޓް ވާހަކަ ބިނާކުރެއްވީ ޔާމީން ދިފާއުކުރުމަށް ކަމަށެވެ. އަދި ޔާމީންގެ ޓީމުން ކުރާ ކަމަކީ މުޅިން ވެސް "ޑިފެންސަށް ކުޅުން" ކަމަށް އުމަރު ވިދާޅުވި އެވެ.
"އެ މަނިކުފާނު ]ނިހާން[ ވިދާޅުވި ޔާމީންއާ ދިމާލަށް އަތް ދިއްކުރައްވާފައި، މި އިންނެވި ޔާމީން އަބްދުލް ގައްޔޫމް 800 މިލިއަން ޑޮލަރު ނެގިއޭ މީހުން ކިޔައޭ. އެއީ ދޮގެކޭ. އެއީ ވަގެއް ނޫނޭ. ވިދާޅުވި މި އިންނެވި އަބްދުﷲ ޔާމީނަކީ ބޮޑާ ބޭފުޅެކޭ މީހުން ބުނެއޭ. ބޮޑާ ބޭފުޅެއް ނޫނޭ، އެ މަނިކުފާނުގެ ގިލިގިލި ކޮއްޓާލަބަލާށޭ. ނިހާން ވިދާޅުވި މި އިންނެވި އަބްދުﷲ ޔާމީން މިނަރަލް ވޯޓާއިން ފެންވެރިއޭ މީހުން ބުނެއޭ. އެ ވެސް ދޮގެކޭ. މި ދެންނެވި ރޭގެ ޖަލްސާގައި ޔާމީންގެ ޓީމުގެ ހުރިހާ ބޭފުޅުން ދެއްކެވި ހުރިހާ ވާހަކައެއް، 80 ޕަސެންޓް ބިނާވެފައި އޮތީ ޔާމީން އެވެނި ކަމެއް ނުކުރައްވައޭ، މިވެނި ކަމެއް ނުކުރައްވައޭ، މިވެނި ކަހަލަ ބޭފުޅެއް ނޫނޭ. މި ވާހަކަ ދެއްކުމުގައި. މާނައަކީ ޔާމީންގެ ޓީމުން ކުރާ ކަމަކީ ޑިފެންސަށް ކުޅުމޭ. އައްޑިހަ ޕަސެންޓް ޑިފެންސަށޭ ކުޅެނީ،" ޔާމީންގެ ޓީމަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އޭނާއަށް ދީފިނަމަ އެ ޕާޓީގެ އެންމެން ކުރިއަށް އަރައި އިދިކޮޅު އެމްޑީޕީގެ ކޮޅަށް ފަހަރަކު ލަނޑެއް ޖަހަމުން ގެންދާނެ ކަމަށެވެ. އަދި އޭނާ ދިފާއު ކުރަން ޕީޕީއެމްގެ މެމްބަރުންނަށް ނުޖެހޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޭނާ އަށް ދޭންޖެހޭ އެއް ސަބަބަކީ ވެސް އެއީ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޔާމީނަށް މި ޓިކެޓް ލިބިވަޑައިގެންފިއްޔާމު މި އިންތިހާބުގައި ޕީޕީއެމްގެ 30،000 މެމްބަރުން ތިބޭނީ ޕީޕީއެމްގެ ގޯލްގެ ކުރިމަތީގައި ސަފު ހަދައިގެން. އެމްޑީޕީގެ މީހުން އަޅުގަނޑުމެންގެ ގޯލް ކައިރީގައި ކޮއްޓައި އަޅުގަނޑުމެންނަށް ހަމަލާ ދެމުން ގެންދާނީ. އަޅުގަނޑުމެން ޖެހޭނީ ދިފާއަށް ކުޅެން އަބަދުވެސް. އެކަމަކު އުމަރު ނަސީރުގެ އަތަށް މި ޓިކެޓް ދީފިއްޔާ ޕީޕީއެމްގެ 30،000 މެމްބަރުން ކުރީ ސަފަށް ޖެހި އެމްޑީޕީ ސައިޒަށް ކަނޑާލާފައި އެ މީހުންގެ ގޯލަށް ބޯޅަޖަހާފައި ރަން ތަށި ހިފައިގެން އަޅުގަނޑުމެން ދާނީ އިރާދަކުރެއްވިއްޔާ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ އަކީ ނިކަމެތި އާއިލާއަކުން ވަޑައިގެންނެވި ބޭފުޅެއް ކަމަށާއި ދުނިޔޭގެ ތާރީހު ބަދަލުކުރީ ދެރަ، ނިކަމެތިން ނުކުމެ ކަމަށެވެ. އަދި ރާއްޖޭ ތާރީހު ވެސް ބަދަލުކުރީ ދެރަ، ނިކަމެތިން ނުކުމެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީނަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ ޔާމީނަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ކޮއްކޯފުޅަށް ވުމުން ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށާއި އެއީ އެޑްވާންޓޭޖެއް ކަމަށެވެ. އެކަމަކު މައުމޫނާއި ޔާމީނާ ދެ ބޭފުޅުންގެ ހުރި ތަފާތު މައުމޫންގެ ސަޕޯޓަރުން ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އުމަރު ވިދާޅުވި އެވެ.
"ހަމައެކަނި އެ މަނިކުފާނުގެ ކޮއްކޮއަކަށް ވުމަކުންނެއް ]ޔާމީނަށް[ ވޯޓު ލިބޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. ރައީސް މައުމޫން، ރައީސް މައުމޫނެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ އެ މަނިކުފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމާ ހެދި. އަމާނާތްތެރިކަމާއި ތެދުވެރިކަން އަނެއް ކެންޑިޑޭޓުގެ ގައިގައި އެޅުވިދާނެތޯ އަޅުގަނޑުމެން ރައީސް މައުމޫންގެ ގައިގައި އަޅުވާ ގޮތަށް؟ ނޭޅުވޭނެ ދެއްތޯ. އެކަމަކު އެ އަމާނާތްތެރިކަމާއި ތެދުވެރިކަން އުމަރު ނަސީރުގެ ކަރުގައި އެޅުވިދާނެ ރައީސް މައުމޫނާ އެއްވަރަށް ނޫނަސް،" އުމަރު ވިދާޅުވި އެވެ.
ރިޔާސީ ޓިކެޓް އުމަރަށް ލިބިވަޑައިގެންފިނަމަ އެ ޓިކެޓް އެހެން މީހަކަށް ދޭނެ ކަމަށް ބުނެ އުމަރަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކަށް ވެސް މިރޭ އޭނާ ރައްދު ދެއްވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު އޮތް ގޮތުން، ރިޔާސީ ޓިކެޓް އެހެން މީހަކަށް ނުދެވޭނެ ކަމަށާއި "ނުވެސް ވިއްކޭނެ" ކަމަށެވެ. އަދި އުމަރަށް ޓިކެޓް ލިބިވަޑައިގެންފިނަމަ އެ ޓިކެޓް އެހެން މީހަކަށް ދޭނެ ކަމަށް ބުނެ ދޮގު އެސްއެމްއެސް "ވަގު ސިމް"ތަކުން ނުފޮނުވުމަށް އޭނާ ގޮވާލެއްވި އެވެ.
"އަޅުގަނޑުމެންގެ މެމްބަރުންނަށް އަޅުގަނޑު މިދޭ ޔަގީންކަމަކީ ކޯލިޝަން އުފައްދައިގެން މެނުވީ މި ގައުމުގެ ވެރިކަމަށް އަޅުގަނޑުމެންނަށް ނާދެވޭނެތީވެ، އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ ހައްގުގައި އަޅުގަނޑު ކުރާ ކަމެއް މި މަސައްކަތަކީ. އަޅުގަނޑު މި އުޅެނީކީ އެއްވެސް މީހަކަށް ޓިކެޓް ހޯދައިދޭކަށް ނޫން. ތި ބޭފުޅުން ގަބޫލުފުޅު ކުރައްވާ. ތަބަކަކަށް ލާފައި އެއްޗެހި ދިނުމާ އެންމެ ދެކޮޅު މީހާ އަޅުގަނޑަކީ. ތަބަކަކަށް ލާފައި ދިން އެއްޗެއްސާ ދެކޮޅަށް ތެދުވެ އެކަން ހަމަޖެއްސި މީހަކީ ވެސް އަޅުގަނޑު. އެހެންވީމާ އަޅުގަނޑުގެ އަތަށް ޓިކެޓް ހޯދާފައި އެއްވެސް މީހެއްގެ އަތަށް ތަބަކަކަށް ލާފައި ނުދޭނެ،" އުމަރު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ކޯލިޝަނެއް ހެދުމަށްޓަކައި ގެންނަން ޖެހޭ ސިޔާސީ ބަދަލުތައް ގެނައުމަށް ތައްޔާރު ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމަށާއި މި އަހަރު ރާއްޖޭގެ ވެރިކަމަށް ޕީޕީއެމް އަންނާނީ ފުޅާ ކޯލިޝަނެއްގެ ތެރެއިން ކަމަށް އުމަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ޔާމީނާއެކު އެއްވެސް ޕާޓީއަކުން ކޯލިޝަން ނަހަދާނެކަން ޔަގީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުރިހާ ޕާޓީތަކުން ކަހަލަ ގޮތަކަށް ތިބީ އުމަރާއެކު ކޯލިޝަން ހަދާނެ ކަމުގެ ފެހި ސިގްނަލް ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ މެމްބަރުންނަށް އަޅުގަނޑު ދޭ ޔަގީންކަމަކީ އަޅުގަނޑު ޕީޕީއެމްގެ ޓިކެޓް މި ހޯދަނީ މީހުންނަށް ދީ، ބަހާކަށް ނޫނޭ. ތިޔަބޭފުޅުންގެ ޕާޓީ މި ގައުމުގެ ވެރިކަމަށް ގެނެސް މުހަންމަދު ނަޝީދު ޖަލުގެ ކުޑަގޮޅީގައި ބައިންދަންށޭ އަޅުގަނޑު މި އަންނަނީ،" އުމަރު ވިދާޅުވި އެވެ.
އޭނާގެ މިރޭގެ ވާހަކައިގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނަށާއި ގޭންގްތަކަށް ވެސް އިންޒާރު ދެއްވައިފަ އެވެ.
އުމަރު ވިދާޅުވީ ގޭންގްތަކާއި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުން ގުޅިގެން "ވަރަށް ވަރުގަދަ ހަމަލާއެއް" އޭނާއާ ދިމާލަށް ދެމުންދާ ކަމަށެވެ. އުމަރު ވިދާޅުވީ އޭނާ ވިޔަފާރިކުރާ އޮފީހެއްގެ ތެރޭގައި މަސްތުވާތަކެތި ރައްކާކުރުމަށް ފަހު އެ ތަނަށް ފުލުހުން ވައްދަން އެ މީހުން ދާދި ފަހުން މަސައްކަތްކުރި ކަމަށެވެ. އަދި އެ މީހުންގެ ބޭނުމަކީ އުމަރު ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ އަޑު ކަނޑުވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މީހުންގެ ކޮރަޕްޓް ވާހަކަތަކާއި މި މީހުންގެ މަސްތުވާތަކެތީގެ ނެޓްވޯކް ދެމެހެއްޓުން މިއީ މި މީހުންގެ ބޭނުމަކީ. އަޅުގަނޑު ދިވެހިރާއްޖޭގެ ކޮރަޕްޓް ނެޓްވޯކްގައި ތިބި ހުރިހާ ބޭފުޅުންނަށް، މަޖިލިސްގެ މެމްބަރަކު ވިޔަސް ހެޔޮ އަޅުގަނޑަށް. އަދި ދިވެހިރާއްޖޭގައި ކުށްކުރާ ގޭންގްތައް ކޮންޓްރޯލްކުރާ މީހުންނަށް ވެސް އަޅުގަނޑު ދަންނަވާނީ 14 ދުވަހޭ ދެން އޮތީ އިރާދަކުރެއްވިއްޔާ. ރާއްޖޭގެ ގޭންގްތަކާއި ކޮރަޕްޓް ނެޓްވޯކްތައް ފުނޑުފުނޑުކޮށްލާނަމޭ އަޅުގަނޑު. ހުއްޓުވޭނެ ކަމަށް ވަންޏާ ހުއްޓުވާށޭ މިހާރު. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަންނަނީ ތި ހުރިހާ ނެޓްވޯކްތައް މުލުން ލުހެލަންށޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ގޭންގްތައް ކޮންޓްރޯލްކުރާ މީހުންނާއި "ކޮރަޕްޝަންގެ ހާލިތައް" ކޮންޓްރޯލްކުރާ މީހުން މަޖިލީހުގެ އިނާޔަތުގެ ފަހަތުގައި "ފިލާ ތިބެގެން" އެފަދަ ކަންކަން ކުރާ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި މަޖިލިސް މެމްބަރެއް ކަމަށް ވިޔަސް މަސްތުވާއެއްޗިއްސާ ގޭންގް ކުށްތަކާ ގުޅޭ ކަމަށް ވަންޏާ ގާނޫނީ ފިޔަވަޅު އަޅާނަން. އިމްތިޔާޒު ބިލުގެ ފަހަތަށް ވަދެ ފިލައެއް ނޯވެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރުގެ މިރޭގެ ކެމްޕޭން ޖަލްސާގައި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ދެ ބޭބެ ކަމަށްވާ އިލްޔާސް އިބްރާހީމާއި އައްބާސް އިބްރާހީމް ވެސް ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ