ޒިލިއަންގެ އިން ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ކޯޓުން އިތުރުކޮށްފި

ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުން މ. ޒިލިއަން ގެ އިން އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާގެ އިތުރުން ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލާތްތަކާއި ބަނގުރާ ހުސްކުރި ފުޅިތަކާއެކު މ. ޒިލިއަންގެ އިން އިއްޔެ ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ތިން އަންހެނަކު ހިމެނޭއިރު އެ ގެއާ އިންވެގެން ހުންނަ މ. ދެފިޔަ ގެ އިން ވެސް މަސްތުވާތަކެއްޗާއި ފައިސާއާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ޒިލިއަން ގެ އިން ހައްޔަރުކުރި މީހުންގެ ތެރެއިން 20 އަހަރުގެ ފިރިހެން މީހާ އާއި 35 އަހަރުގެ އަންހެން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން މިއަދު އިތުރުކޮށްދީފައިވާ ކަމަށެވެ. ބާކީ ތިބި ހަތަރު މީހުންގެ ބަންދަށް ކޯޓުން ދިނީ ތިން ދުވަހުގެ މުއްދަތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޒިލިއަން ގެ އިން ހައްޔަރުކުރި އަންހެނުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އޮތް އަންހެނަކު ވެސް ހިމެނެ އެވެ. އުމުރުން 47 އަހަރުގެ އެ އަންހެން މީހާގެ މައްޗަށް އެ ހުކުމް އައިސްފައިވަނީ އޭނާގެ ދަރިފުޅާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި 2007 ގެ ފަހުކޮޅު އޭނާގެ މައްޗަށް ޖަލު ހުކުމް އައި ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި 2008 ގެ ފަހުކޮޅު އޭނާ ވަނީ ގޭ ބަންދަށް ދޫކޮށްލައިފަ އެވެ. ނަމަވެސް އޭގެ ފަހުން 2012 ގައި ހައި ކޯޓުން ވެސް ވަނީ އެ އަންހެން މީހާގެ ޖަލު ހުކުމަށް ތާއީދުކޮށްފަ އެވެ.
ފުލުހުން ބުނީ ރާއްޖެ އެތެރެކުރުން މަނާ ބާވަތުގެ ޖަނަވާރެއް ވެސް ޒިލިއަން ގެއިން އިއްޔެ ފެނިފައިވާ ކަމަށެވެ. ދުނިޔެ އިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ބާވަތުގެ އެ ޖަނަވާރު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ