ދަށު ކޯޓުން ކުރީ ޣައިރު ގާނޫނީ ހުކުމެއް، ހުކުމް އިސްތިއުނާފް ކުރާނަން: ޖާބިރު

ކުޑަކަމުދާތަކެތި ނުދިން މައްސަލައިގައި އޭނާ އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށާއި އެ ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.ޖާބިރަށް އެ ހުކުމް ކުރީ ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ނޮވެމްބަރު، 2012 ގައި ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ދޭން ފުލުހުން އެންގުމުން ނުދިން މައްސަލައިގަ އެވެ.ހުކުމް އިއްވުމުން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓުން ނެރުނު ވަގުތު ކޯޓު ބޭރުގައި ނޫސްވެރިންނަށް ޖާބިރު ވިދާޅުވީ އެ ހުކުމް ކުރީ އޭނާއަށް އެކަށީގެންވާ ވަގުތު ނުދީ ކަމަށާއި ދިފާއީ ހެކިން ހުށަހެޅުމަށާއި ވާހަކަ ދެއްކުމަށް ވެސް އެކަށީގެންވާ ފުރުސަތު ނުދޭ ކަމަށެވެ. އެގޮތުން މިއަދު މެންދުރު 2:00 ގައި ބޭއްވި ޝަރީއަތް ފަސްކޮށް ދިނުމަށް އެދުމުން ވެސް އެކަން ކޮށް ނުދީ، އެ މަޖިލީހުގައި ޚުލާސާ ބަޔާން ނަގައި ހުކުމް ކުރީ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ މިރޭގެ ވަގުތެއްގައި ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ވިދާޅުވި އެވެ.ދަށު ކޯޓުން މިހާ ހަރުކަށިކޮށް، ނާއިންސާފަށް މައްސަލަ ނިންމީމާ މަތީ ކޯޓުން އަބަދުވެސް ބެލޭނެ. އަޅުގަނޑު ވަރަށް ހިތާމަކޮށްފިން މިއަދު މިހާ ވަގުތު ކުޑަކޮށްފައި އޮޅުވާލައިގެން އަޅުގަނޑުމެން ވަކީލަށާއި އަޅުގަނޑަށް ވާހަކަ ދައްކަން ފަނޑިޔާރުން ފުރުސަތު ނުދީ މައްސަލަ ނިންމުމުން-- ޖާބިރުޖާބިރަށް ހުކުމް ކުރެއްވި ފަނޑިޔާރު މުހުތާޒް މުހުސިނަށް ފާޑު ވިދާޅުވެ ޖާބިރު ވިދާޅުވީ "މުހުތާޒް މުހުސިން ބޭނުންވާ ގޮތަކަށް މި ގައުމުގައި ކަންކަމެއް ނުކުރެވޭނެ" ކަމަށެވެ."އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިތްވަރާއެކު މަސައްކަތް ކުރާށޭ. އިރާދަކުރެއްވިއްޔާ މިގޮނޑި އަޅުގަނޑުމެން ކާމިޔާބު ކުރާނަމޭ. އަދި މުހުތާޒް މުހުސިން ބޭނުންވާ ގޮތަކަށް މިގައުމުގައި ކަންތައްތަކެއް ނުވާނެޔޭ،" އޭނާ ވިދާޅުވި އެވެ.އެ މައްސަލައިގެ ހެކިންގެ ހެކިބަހާއި ޚުލާސާ ބަޔާން ވެސް ނަގާފައިވަނީ މިއަދު އެވެ. އެގޮތުން މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ހެކިން ހެކިބަސް ނަގައި ނިންމުމަށްފަހު މެންދުރު ފަހު ބޭއްވި އަޑުއެހުމުގައި ވަނީ ޚުލާސާ ބަޔާން ނަގައި ނިންމައިފަ އެވެ. ހުކުމްކުރީ ޚުލާސާ ބަޔާން ނެގިތާ އިރުކޮޅެއް ފަހުންނެވެ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ތިބެގެން މިއަދު ހެކިބަސް ދިން ތިން ފުލުހުން ވެސް ބުނެފައިވަނީ ހޮނޑައިދޫގައި ކުޑަކަމުދާތަކެތި ދޭން ލިޔުމުން ޖާބިރަށް އެންގުމުން އެކަމަށް ޖާބިރު ދެކޮޅު ހެދި ކަމަށެވެ. އަދި ފުލުހުން ދައްކާ ވާހަކަ އަޑުއެހުމަށް ވެސް ޖާބިރު ދެކޮޅު ހެދި ކަމަށް އެ ތިން ފުލުހުން ބުންޏެވެ.ޖާބިރުގެ މައްޗަށް މިއަދު ކުރި ޖަލު ހުކުމަށް ފަހު އޭނާ ކޯޓުން ނެރެގެން ގެންދަނީ. ޖާބިރުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް މިއަދު ހެނދުނު ބޭއްވި ޝަރީއަތުގައި ގާޒީ ވަނީ ނިންމަވައިފަ އެވެ. ގާޒީ މުހުތާޒް ވިދާޅުވީ އެ ހެކިން ބަލައިނުގަތީ ޖާބިރުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅީ އެކަމަށް ދިން ތިން ދުވަހުގެ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ ކަމަށެވެ. ޖާބިރުގެ ފަރާތުން ފާހަގަކުރި އިޖްރާއީ ނުކުތާ ވެސް ގާޒި ވަނީ ބަލައިނުގަންނަވައިފަ އެވެ. ގާޒީ ވިދާޅުވީ އެ ނުކުތާ ބަލައިނުގަތީ ވެސް މުއްދަތު ހަމަވި ފަހުން ހުށަހެޅުމުން ކަމަށެވެ.މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އެކަމާ ގުޅޭގޮތުން އިތުރަށް ޖާބިރު ވާހަކަ ދައްކަން އުޅުމުން ވެސް ގާޒީ ވަނީ އެކަން ހުއްޓުވައިފަ އެވެ. އެ އަޑުއެހުމުގައި ގާޒީގެ ހުއްދަ ނެތި ޖާބިރު ވާހަކަ ދައްކަން ފެށުމުން ގާޒީ ވަނީ ޝަރީއަތުގެ ކިބައިން މައާފަށް އެދުމަށް ޖާބިރަށް ވަގުތު އަމުރު ކުރައްވައިފަ އެވެ. އަދި އެކަން ތަކުރާރުވެއްޖެނަމަ އަދަބު ކަނޑައަޅުއްވާނެކަމުގެ އިންޒާރު ވެސް ގާޒީ ދެއްވި އެވެ.ގާޒީ އެގޮތަށް އެންގެވުމުން ޖާބިރު ވަނީ ކޮޅަށް ތެދުވެ، ޝަރީއަތުގެ ކިބައިން މައާފަށް އެދިފަ އެވެ. ހުކުމަށް ފަހު ޖާބިރު މާފުށީ ޖަލަށް ގެންދިއުމަށް ދަތުރު ވަނީ ފަށާފަ އެވެ.ހޮނޑައިދޫގައި ޖާބިރު ހައްޔަރުކުރި މައްސަލައިގައި އިތުރު ދައުވާތަކެއް ވެސް ދައުލަތުން އުފުލަ އެވެ. އެގޮތުން ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާއަކާއި ބަނގުރަ ގެންގުޅުމުގެ ދައުވާއެއް ދައުލަތުން އުފުލަ އެވެ.އޭގެ ތެރެއިން ކެނަބިހުން މުއާމަލާތު ކުރުމުގެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ