ޕީޕީއެމާ އަލަށް ގުޅުނު ޕާޓީތަކާއެކު އިންތިހާބު ކާމިޔާބު ކުރެވިދާނެ: މައުމޫން

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމާ ގުޅުނު ޕާޓީތަކާ އެކު މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކާނިވަލުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީ އާއި ގައުމީ އިއްތިހާދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް އިސް ބޭފުޅުން ޕީޕީއެމާ ގުޅުމުން އެކަމުގެ އުފާ ދިވެހި ހުރިހާ ރައްޔިތުން ވެސް ކުރާނެ ކަމަށެވެ. އަދި މި ހުރިހާ ޕާޓީތައް އެއްބާރުލައިގެން މަސައްކަތް ކޮށްފި ނަމަ ދެވަނަ ބުރުގެ އިންތިހާބު ކާމިޔާބުކުރަން ޕީޕީއެމަށް މާ އުނދަގޫ ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ފުންނާބު އުސް ސިޔާސީ ލީޑަރުންތަކެއް. މި ބޭފުޅުން ޕީޕީއެމާ ގުޅުމުގެ އުފާ އަޅުގަނޑުމެންނާ އެކު ހުރިހާ ދިވެހި ރައްޔިތުން ވެސް ފާހަގަ ކުރާނެ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވެ ވަޑައިގަތް ގާސިމް އިބްރާހިމް ޕީޕީއެމާ ގުޅުމާ ބެހޭ ގޮތުންނެވެ.
މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަކީ އެތައް ގޮތަކުން ގައުމަށް ހިދުމަތް ކޮށްދެއްވާފައިވާ އަދި ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ގާސިމް ޕީޕީއެމާ ގުޅިވަޑައިގެންފިއްޔާ ރައްޔިތުންގެ ލޯބި އިތުރުވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ގާސިމަކީ ސަރުކާރުގެ މަތިވެރި މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް. ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް ގިނަ ހިދުމަތްތަކެއް ފުރުއްވާފައިވާ ބޭފުޅެއް. އެހެންވެ އަޅުގަނޑު އަދިވެސް އުއްމީދު ކުރަން އެ ބޭފުޅާ އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާނެ ކަމަށް،" މައުމޫން ވިދާޅުވި އެވެ.
ގާސިމަށް ނިސްބަތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ކަމެއް ކާމިޔާބު ކުރުމަށް ފުރުސަތުގެ ބޭނުން ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ ފުރުސަތު ދޫކޮށްލައިފިއްޔާ ދެން އެފަދަ އެހެން ފުރުސަތެއް ނުލިބިދާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި މައުމޫން ވަނީ ޕީޕީއެމާ އަލަށް ގުޅިވަޑައިގަތް ސިޔާސީ ލީޑަރުންނަށް ވަކިވަކިން ތައުރީފް ކުރައްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެ ޕާޓީއާ ގުޅިވަޑައިގަތީ އިސްލާމް ދީނާއި ގައުމަށްޓަކައި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. އަދި އޭނާއަކީ ވަރަށް ވަފާތެރި ގައުމީ ހިދުމަތްތެރިއެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކުރިން ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް، އަދި މިހާރު ޕީޕީއެމަށް އެނބުރި ވަޑައިގެން އުމަރު ނަސީރަށް ވެސް މައުމޫން ވަރަށް ބޮޑަށް ތައުރީފް ކުރެއްވެވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އުމަރު ނަސީރަކީ ޕީޕީއެމަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި، އަމާނާތްތެރިއެއް ކަމަށެވެ. އަދި ޕީޕީއެމާ ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވި ނަމަވެސް އަލުން މަސައްކަތް ކުރައްވަން ނިންމެވީ ގައުމަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިއަތީ ގައުމީ ފިކުރަކާއި ލާގައުމީ ފިކުރެކެވެ. ގައުމީ ފިކުރަކީ ކޮންމެ ކަމެއްގައި ވެސް ގައުމުގެ މަސްލަހަތު އިސްކޮށް، އިސްލާމް ދީނުގެ އަގީދާގެ މަތީގައި ދެމިތިބުން ކަމަށެވެ. އެއާ ހިލާފަށް ލާގައުމީ ފިކުރަކީ ގައުމުގެ މިނިވަން ކަމާއި ދީން ގެއްލި ދިޔަޔަސް އެ މީހުންގެ އަމިއްލަ ކަންކަމަށް އިސްކަންދިނުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ސިފަ ކުރެއްވި ގޮތުގައި ޕީޕީއެމްގެ ފިކުރަކީ އަބަދު ވެސް ގައުމީ ފިކުރުކަމާއި އެ ޕާޓީން އަބަދު ވެސް މަސައްކަތް ކުރަނީ ގައުމާއި ދީނަށްޓަކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ