ކުރެންދޫ ދާއިރާގެ ވޯޓް އަލުން ގުނައިދިނުމަށް ޖޭޕީން އެދިއްޖެ

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާގައި ބަހައްޓާފައި ހުރި ވޯޓް ފޮށިތައް އަލުން ގުނައިދިނުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށް ޖުމްހޫރީ ޕާޓީން އެދިއްޖެ އެވެ.
ޖުމްހޫރީ ޕާޓީން މިކަމަށް އެދުނީ ކުރެންދޫ ދާއިރާގެ އިންތިހާބުގެ މައްސަލައިގައި އެޕާޓީން ހައިކޯޓަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން މިއަދު ހެނދުނު 9:15 ގައި ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގަ އެވެ.
ކުރެންދޫ ދާއިރާގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލީޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަހްމަދު މޫސާ އެވެ. ހަތް ވޯޓުގެ ތަފާތުން އޭނާއަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުލް ބާރީ އާ ވާދަކުރައްވައިގެންނެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ ދައުވާ ފޯމުގައި ދައުވާ އިބާރާތް ކުރެވިފައިވާ ގޮތުން އިންތިހާބު ބާތިލްކުރުމަށް އެދިފައިވާކަމަށް ދޭހަވެދާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އެދެނީ ކުރެންދޫ ދާއިރާގެ ވޯޓް ފޮށިތައް އަލުން ގުނައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ކުރެންދޫ ދާއިރާގެ ބައެއް ވޯޓް ފޮށިތައް ގުނަމުންދިޔައިރު މައްސަލަތަކެއް ހުރިކަން މަންދޫބުން ގޮތުގައި ހަރަކާތްތެރިވި ބައެއް މީހުން ފާހަގަކުރާ ކަމަށެވެ. ކުރެންދޫ ދާއިރާގައި ބާތިލް ވޯޓުގެ އަދަދަކީ 11 ކަމަށްވާތީ ވޯޓް އަލުން ގުނައިފިނަމަ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. ވޯޓް އަލުން ގުނަން އެދެނީ ސައްހަ ވޯޓް ބާތިލްކޮށް، ބާތިލް ވޯޓް ސައްހަކޮށް ގުނާ ހަދާފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެކިންގެ ގޮތުގައި ދެ ފަރާތެއް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެ ދެމީހުންގެ ތެރެއިން އެކަކީ އަހްމަދު މޫސާގެ ފިރިހެން ދަރިފުޅެވެ. އަނެއް މީހާ އަކީ އަހްމަދު މޫސާގެ ޅިޔަނެކެވެ.
މިމައްސަލައިގެ ތެރެއަށް އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން ތަދައްޚުލްވި އޭނާގެ ގާނޫނީ ވަކީލް މުހައްމަދު ފަރީދު ވިދާޅުވީ މައްސަލަތަކެއް ހުރިކަން ފާހަގަކުރި ނަމަވެސް އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފައިވާ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައި ނުވާ ކަމަށެެވެ. އަދި މިމައްސަލަ ހުށަހެޅީ ނާކާމިޔާބުވުމުން ހިތްހަމަޖެހުމަކަށް ކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ މައްސަލަ ބިނާކޮށްފައި އޮތީ މައިގަނޑު ދެކަމެއްގެ މައްޗަށް ކަަމަށެވެ. އަދި ހެކިން ހުށަހެޅިއިރު ހެކިން ހުށަހަޅާ ސަބަބު ބުނެދީފައި ނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުލްޣަނީ މުހައްމަދާއި، ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި އަލީ ސަމީރެވެ. މިއަދުގެ އަޑުއެހުން ނިންމާލިއިރު ހެކިން ހާޒިރުކުރުމާއިމެދު ވަކި ގޮތެއް ފަނޑިޔާރުންގެ ބެންޗުން ނިންމާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ