ދައުވާ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މާލޭގައި ނުވާ ނަމަ އެ މައްސަލައެއް ބަލައިނުގަތުމަށް ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް އާޒިމާ ހުށަހަޅުއްވައިފި

މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މާލޭގައި ނުވާ ނަމަ އެ މައްސަލަ އެއް ބަލައިނުގަތުމަށް ފެމިލީ ކޯޓުން ނިންމާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ނިންމުން ބާތިލުކުރުމަށް މަޝްހޫރު ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު މިއަދު އެ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ.
އާޒިމާ މިއަދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މާލޭގައި ނުވާ ނަމަ އެ މައްސަލައެއް ބަލައިނުގަތުމަށް ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ތައާރުޒުވާ ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދައިގެ ތަރަހައިން ވެސް ބޭރުން ކަމަށެވެ. އަދި އެއީ ކޯޓުތަކުގެ ގާނޫނުގެ 69 ވަނަ މާއްދާއިން ފެމިލީ ކޯޓަށް ލިބޭ އިހުތިސާސްތައް ވެސް ހަނި ކުރެވޭ، އެ ގާނޫނާ ވެސް ތައާރުޒުވާ ނިންމުމެއް ކަމަށާއި އެހެންކަމުން އެ ނިންމުން ބާތިލް ކޮށްދެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ.
އެ ދައުވާގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ހ. ގެ ދަށުން ކޮންމެ މީހެއްގެ ވެސް މަދަނީ ހައްގުތައް ކަނޑައެޅުމުގައި މުސްތަގިއްލު ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ދައުވާގައި ބުނެފައި ވަނީ ފެމިލީ ކޯޓުން އެގޮތަށް ނިންމާފައި ވަނީ ފެމިލީ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ކުރީގެ އާއިލާއާ ބެހޭ ކޯޓުގެ ހުރިހާ މައްސަލައެއް ވެސް ހިމަނާފައި ވަނިކޮށް ކަމަށެވެ. އަދި ފެމިލީ ކޯޓުން އެ ގޮތަށް ނިންމުމުން ކޯޓުތައް ބޭނުން ކުރުމުގައި އާންމުންނަށް ވަރަށް ދަތިވެ، ކޯޓުތައް ބޭނުން ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ވެސް އާޒިމާގެ ދައުވާގައި ވެއެވެ.
"ދިވެހިންގެ ދިރިއުޅުމުގެ އާދަތަކަށް ބަލާއިރު އަދި ރާއްޖޭގެ ތަރައްގީގައި ދިވެހިންނަކީ ދާއިމީ އެޑްރެހުގައި ދިރިއުޅޭ ބަޔަކަށްނުވާތީ އަދި ރާއްޖޭގެ އާބާދީގެ 33 ޕަސެންޓާ ގާތަށް މީހުން ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު މާލޭގައި ދާއިމީ އެޑްރެސް އޮންނަ މީހުންނަކީ ނިސްބަތުން ވަރަށް މަދު ބަޔެއް،" އާޒިމާގެ ދައުވާގައިވެ އެވެ. "ފެމިލީ ކޯޓަކީ އާއިލީ މައްސަލަތައް ބަލާ ކޯޓަކަށް ބަލާއިރު މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް އޮންނަ ދާއިރާއެއްގެ ކޯޓުން ނޫނީ މައްސަލަ ނުބެލޭނެ ގޮތަށް ހަމަޖެއްސުމުން އާއިލީ މައްސަލަތަކުގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފު ހޯދުމުގެ ދޮރު ވަރަށް ގިނައިން ވަނީ ގެއްލިފައި."
މީގެ އިތުރުން އާޒިމާ ވިދާޅުވީ ފެމިލީ ކޯޓުން އެގޮތަށް ހަމަޖެއްސުމުން ދަރިންނަށް ހަރަދު ހޯދުން ފަދަ މައްސަލަތައް ވެސް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
ފެމިލީ ކޯޓުން އެގޮތަށް ނިންމުމާ ގުޅިގެން ގިނަ ގާނޫނީ މާހިރުންތަކެއް ވަނީ އެކަމާ ކަންބޮޑުވާކަން ފާޅުކޮށްފަ އެވެ. އަދި ޖުޑީޝަލް ކައުންސިލުން ވެސް ބުނެފައި ވަނީ ސަރަހައްދީ އިހްތިސާސްގެ ދަށުން މައްސަލަތައް ހުށަހެޅުމަށް ވަރަށް ގިނަ ބަޔަކަށް ދަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ