ސައްހަކަން ކަށަވަރު ނުވާ 5000 އަށް ވުރެ ގިނަ ފޯމު ބާތިލުކޮށް އަލުން ރަޖިސްޓްރީވާން އަންގައިފި

އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ރަށް ވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރަން ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަަކަން ކަށަވަރުނުވާ 5000 އަށް ވުރެ ގިނަ ފޯމު ބާތިލްކޮށް އަލުން ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އަންގަން ފަށައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތައް ބެލިއިރު 5000-6000 ފޯމުގެ ސައްހަކަން ކަށަވަރުނުވާ ކަމަށެވެ. އެހެންވެ އިތުރު ފުރުސަތެއް ދިނުމަށް، އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ރަޖިސްޓްރީވާން ފޯމް ހުށަހެޅޭނެ ކަމަށް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ފޯމު ބާތިލްވި މީހުންނަށް މިރެއިން ފެށިގެން މެސެޖަކުން އެކަން އަންގަމުންދާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ވެސް ލިސްޓް ފޮނުވައި ރަޖިސްޓްރޭޝަންގައި މައްސަލައެއް އުޅޭތޯ ބަލާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބާތިލްވި ފޯމުތަކުގައި މައިގަނޑު ގޮތެއްގައި އުޅެނީ ފިންގަޕްރިންޓް ސާފުނުވުމުގެ މައްސަލަ އެވެ. އޭގެ ތެރޭގައި ފިންގަޕްރިންޓް ކަށަވަރުކުރަން ފުލުހަށް ހުުށަހެޅި ފޯމުތައް ވެސް ހިމެނެ އެވެ.
"ބާތިލުކުރި ފޯމުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ ފިންގަޕްރިންޓް ކަށަވަރުނުވުމުގެ މައްސަލަތައް. އެހެންވެ އަލުން ރަޖިސްޓްރީވާން ތިން ދުވަހުގެ މުއްދަތެއް ލިބޭނެ،" އަކްރަމް ވިދާޅުވި އެވެ.
ރީ-ރަޖިސްްޓްރީވުމުގެ މުއްދަތު މި މަހުގެ 11 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. ނަމަވެސް ރަޖިސްޓްރީވާން ހުށަހެޅި ފޯމުތަކުގެ ތަފުސީލެއް އީސީން އަދި ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ