ފުލުހުން ހައްޔަރުކުރި ދާންދޫ ސްކޫލް ޓީޗަރު ވަޒީފާ އިން ވަކިކޮށްފި

ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ގއ. ދާންދޫ ސްކޫލްގެ އިސްލާމް ޓީޗަރު އިމްރާން އަބްދުﷲ މަގާމުން ވަކިކޮށްފިއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިވިލް ސާވިސް ގަވާއިދުގެ 237 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ސިވިލް ސާވިސް ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. އިމްރާން ހައްޔަރުކުރީ ތަހުގީގު ކުރަމުން އަންނަ ބަދުއަޚުލާގީ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ އިމްރާން ހައްޔަރު ކުރީ ދާންދޫ ސްކޫލްގެ ފިރިހެން ދަރިވަރަކާ އޭނައާ ދެމެދު ވާހަކަދައްކާފައިވާ ޗެޓް ލޮގްތަކެއް އާންމުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އޭނާ ހައްޔަރުކުރުމަށްފަހު ޖެހިގެންއައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ގއ. ވިލިނގިލީ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ދާންދޫ ސްކޫލްގައި އިމްރާން އިސްލާމް މާއްދާ ކިޔަވައިދެމުން ގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ