ފަހު ވަގުތު ޔޫވީ އަތުން ވިކްޓަރީ ތިން ޕޮއިންޓް ހޯދައިފި

ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ވިކްޓަރީ ސްޕޯޓްސް ކްލަބު، ތިން ޕޮއިންޓް ހޯދައިފިއެވެ. މާލޭ ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީގެ މައްޗަށް ވިކްޓަރީން ކުރި ހޯދާފައިވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ. މާލޭ ލީގުގައި ވިކްޓަރީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިކްޓަރީ މޮޅުވީ 3-2 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ މެޗުގެ ފުރަތަމަ ހާފު ވިކްޓަރީން ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ވިކްޓަރީއަށް ކެރިޗް އަންދްރެޗް ލީޑު ހޯދައިދިންއިރު، އޭގެ ފަސް މިނެޓް ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ހަސަން އަދުހަމެވެ. މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ޔޫވީން ވަނީ ދެ ލަނޑުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ޔޫވީގެ ފުރަތަމަ ލަނޑު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ކާމިޔާބުކޮށްދިންއިރު، އޭގެ ހަތަރު މިނެޓް ފަހުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް ސަފްރާޒެވެ. މެޗުގައި ވިކްޓަރީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކެރިޗްއެވެ. މާލޭ ލީގުގައި ވިކްޓަރީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިކްޓަރީ މޮޅުވީ 3-2 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ ވިކްޓަރީން ވަނީ ކުޅުނު ނުވަ މެޗުން ހޯދި 14 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ތިންވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި، ހަތަރުވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ. ޓީސީއާއި ވިކްޓަރީން ނުވަ މެޗު ކުޅެފައިވާއިރު، ގްރީން ސްޓްރީޓްސްއިން ކުޅެފައިވަނީ އަށް މެޗެވެ. މިއަދު ކުޅުނު މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތްވަނާގައެވެ. މާލޭ ލީގުގެ މެޗެއް މިރޭ ވެސް ކުރިއަށްދާނެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ