ޓްރަމްޕް ހުށަހެޅުއްވިގޮތަށް ހަ ގައުމެއްގެ މުސްލިމުންނަށް އެމެރިކާއަށް ނުވަދެވޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިންވެސް ހުށަހެޅުއްވިގޮތަށް ހަ ގައުމެއްގެ މުސްލިމުންނަށް އެމެރިކާއަށް ނުވަދެވޭނެކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން އެންމެފަހުން ކަނޑައަޅައިފިއެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާއެކު އިރާން، ލީބިޔާ، ޔަމަން، ސީރިއާގެ އިތުރުން ސޯމާލިއާ އަދި ޗާޑުގެ މުސްލިމުންނަށް އެމެރިކާއަށް ވަނުމުގެ ދޮރު ބަންދުވާނެއެެވެ. އެމެރިކާއަށް ވަނުން ވަނީ ވެނެޒުއޭލާ އަދި އުތުރުކޮރެއާގެ ރައްޔިތުންވެެސް މަނާ ކޮށްފައެވެ. މީގެ ކުރިން ޓްރަމްޕް ނެރުނު އަމުރުތައް ސުޕްރީމްކޯޓުން ހުއްޓުވައިފައިވާއިރު، ޓްރަމްޕް މަނާކުރި ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން އެމީހުންގެ އާއިލާ އެމެރިކާގައި އުޅޭނަމަ އެމެރިކާއަށް ވަދެވޭނެކަމަށް ބުނެ ވަނީ ލުޔެއް ދީފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެންމެފަހުން ނިންމި ގަރާރުގެ ދަށުން މަނާކުރި ގައުމުތަކުގެ ރައްޔިތުންނަށް ވަނީ އެމެރިކާއަށް ވަނުމުގެ ދޮރު އެއްކޮށް ބަންދުވެފައެވެ. ޓްރަމްޕްގެ ރިޔާސީ ކެމްޕޭންގައި ވެސް ވަނީ ޓެރަރިސްޓްންގެ ކިބައިން އެމެރިކާ ރައްކާތެރިކުރުމަށްޓަކައި މުސްލިމުން އެމެރިކާއަށް ވަނުން ހުއްޓުވަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. "އެމެރިކާ އަމާން ގައުމަކަށް ހެދުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު. މިގައުމަށް އެތެރެވާ މީހުންނަކީ މިގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަށަވަރުނުވާ ކަމަށް ވަންޏާ އެމީހުން މިގައުމަށް ވަނުމަކަށް ފުރުސަތެއް ނުދެވޭނެ،" ޓްރެވަލް ބޭން ލިސްޓާ ބެހޭ ގޮތުން މީގެ ކުރިން ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ