ބީބީސީއަށް މައުލޫމާތު ދިން ފަންސާސް އަންހެނަކު ބުނި ގޮތުގައި، އެމީހުންގެ ބައިވެރިންގެ ފަރާތުން ކުރިމަތިވި މަޖުބޫރުކުރުވުމާއި ނުފޫޒުގެ ސަބަބުން، ނުދަންނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގަން އެމީހުންނަށް ވަނީ މަޖުބޫރުވެފައެވެ.
ބީބީސީން ބުނާ ގޮތުގައި އެ 50 އަންހެނުން ބީބީސީއާ ގުޅާ އެމީހުންގެ ވާހަކަތައް ކިޔާދިނީ ނުދަންނަ 100 އަށްވުރެ ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގަން ބައިވެރިޔާ މަޖުބޫރުކުރި އަންހެނެއްގެ ވާހަކަ ހިމެނޭ ތަހުގީގީ ރިޕޯޓެއް ބީބީސީން ޝާއިއުކުރުމާ ގުޅިގެންނެވެ.
ބީބީސީއަށް މައުލޫމާތު ދިން ގިނަ އަންހެނުން ބުނި ގޮތުގައި، އެ މީހުން ބައިވެރިން ބަދަލުކޮށްގެން ޖިންސީ ގުޅުން ހިންގުމުގައި ބައިވެރިވީ އެކަމަށް އެއްވެސް ބޭނުމެއް އޮވެގެނެއް ނޫނެވެ. ނަމަވެސް އެކަމަށް އިންކާރުކޮށްފިނަމަ ކުރިމަތިވެދާނެ ނަތީޖާއަކަށް ބިރުންނެވެ. ބައިވެރިޔާ އުފާކޮށްދިނުމުގެ ބޭނުމުގައިވެސް އެކަމުގައި ބައިވެރިވެވުނު ކަމަށް ބައެއް މީހުން ބުންޏެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކޮށްފައިވާކަމަށް އެ ހުރިހާ އަންހެނުންވެސް ބުންޏެވެ.
އޭގެތެރެއިން އެއް އަންހެނަކު ބުނި ގޮތުގައި، އޭނާގެ ބައިވެރިޔާ ރޭގަނޑު ހަތަރުދަމު އޭނާއަށް ހަޅޭއްލަވައި، ބިރުދައްކައި، އަދި އެއީ އޭނާ އަމިއްލައަށް ބޭނުންވެގެން ކުރާ ކަމެއްގެ ގޮތުގައި ދެއްކުވުމަށް މަސައްކަތް ކުރި އެތައް ރެއެއް ހަނދާން ހުރެއެވެ. "އެއީ ދުވަހަކުވެސް އަހަރެން ބޭނުންވި ކަމެއް ނޫން،" އޭނާ ބުންޏެވެ. އެހެން އަންހެނަކު ބުނިގޮތުގައި އޭނާއަށް އިހުސާސް ކުރެވުނީ އޭނާއަކީ އެހެން މީހަކަށް "ދީފައިވާ" ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ. އޭނާއަށް ދިން އޭނާގެ ހަދިޔާ ބޭނުންކޮށްލީ ކަމުގެ އިހުސާސް ކުރެވުނު ކަމަށް އެ އަންހެން މީހާ ބުންޏެވެ.
އެ އަންހެނުންތައް ބުނާ ގޮތުގައި ނުދަންނަ މީހުންނާއެކު ޖިންސީގުޅުން ހިންގުމުގެ ގިނަ ބައްދަލުވުންތައް ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގައި މަހަކު ފަސް ލައްކައަށްވުރެ ގިނަ މީހުން ބޭނުންކުރާ ވެބްސައިޓެއް މެދުވެރިކޮށެވެ. އޭގެ ތެރެއިން ހަ އަންހެނަކު ވަނީ އެ ސައިޓުން ދިމާވި ފިރިހެނުންގެ ފަރާތުން ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނެފައެވެ. އެކަކު ބުނި ގޮތުގައި އޭނާގެ ބައިވެރިޔާ ވަނީ އެ ސައިޓް މެދުވެރިކޮށް 90 އަށްވުރެ ގިނަ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގަން އޭނާއަށް މަޖުބޫރުކޮށްފައެވެ. ސޯޅަ އަންހެނަކު ބުނި ގޮތުގައި އެ މީހުންގެ ހުއްދަނެތި އެމީހުންގެ އަމިއްލަ ފޮޓޯތައް ވަނީ އެ ވެބްސައިޓަށް އަޕްލޯޑްކޮށްފައެވެ.
އެ ވެބްސައިޓުން އަނިޔާވެރި އަމަލުތަކަށް މަގުފަހިކޮށްދޭ ކަމަށާއި، ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކުރާ ކަމަށް ބައެއް އަންހެނުން ތުހުމަތު ކުރެއެވެ. ނަމަވެސް އެ ސައިޓުން ބުނަނީ އެ ސައިޓް ނަހަމަ ގޮތުގައި ބޭނުންކުރުމަށް އެމީހުން ފުރުސަތު ނުދޭ ކަމަށެވެ.
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ޖެސް ފިލިޕްސް ގަބޫލުކުރައްވާ ގޮތުގައި އެ ވެބްސައިޓް ބަންދުކުރަން ޖެހެއެވެ. އޭނާ ވިދާޅުވީ، ސްވިންގިންގްގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ޖިންސީ ގޮތުން އަންހެނުން އެކްސްޕްލޮއިޓް ކުރުން ނުވަތަ ނަހަމަ ފައިދާ ނެގުން ކަމަށް ފުލުހުން ބަލަންޖެހޭ ކަމަށެވެ.
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މީހަކަށް ނުފޫޒު ފޯރުވައިގެން ނުވަތަ އޮޅުވާލައިގެން "ރުހުން" ހޯދިދާނެކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ބައިވެރިން އަންހެނުންނަށް މަޖުބޫރުކޮށްގެން މިފަދަ ކަންކަން ކުރުވުމަށްފަހު، އެކަމުން އުފެދޭ ލަދުވެތިކަން ބޭނުންކޮށްގެން އަންހެނުންގެ މައްޗަށް ބާރު ފޯރުވާ ކަމަށް ނަފްސާނީ މާހިރުން ބުނެއެވެ.
އެމިލީ ނަމަކަށް ކިޔާ އަންހެނަކު ބުނި ގޮތުގައި، އޭނާ ބަނޑުބޮޑުއިރުވެސް މިފަދަ ކްލަބްތަކަށް ދިއުމަށް ފިރިމީހާ މަޖުބޫރުކުރިއެވެ. އޭނާގެ ދަރިފުޅަށް ރޭގަނޑު ހަތްގަޑި ބައިވާއިރު ނުނިދިއްޖެނަމަ، ފިރިމީހާ އައިސް "މަންމަ ދާންވެއްޖެ" އޭ ބުނެ އޭނާ ގޮވައިގެން ދާ ކަމަށާއި، ދަރިފުޅު ނިންދަވަން ކިޔައިދޭ ވާހަކަ ނުނިމޭތީ ދަރިފުޅު ރޮއެ ހަދާ ކަމަށްވެސް އޭނާ ކިޔައިދިނެވެ. އޭނާ މިހާރު ވަނީ އެ ކައިވެނިން ވަކިވެފައެވެ.
ފުލުހުންނަށް މިފަދަ މައްސަލަތައް ރިޕޯޓްކުރި ބައެއް އަންހެނުން ބުނި ގޮތުގައި، ފުލުހުންގެ ފަރާތުން އެދެވޭ އެހީތެރިކަމެއް ނުލިބެއެވެ. އެކަމާ ގުޅޭގޮތުން އެކަކު ބުނި ގޮތުގައި، އޭނާގެ ވީޑިއޯތަކުން އޭނާ އެކަމާ އުފާކުރާހެން ހީވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނިކަމަށްވެއެވެ. ނަމަވެސް އޭނާ އުފާވެފައި ހުރި ކަމަށް ނުދައްކައިފިނަމަ ފިރިމީހާ ރުޅި އަންނާތީ، މަޖުބޫރުން އެހެން ދައްކަނީ ކަމަށް އޭނާ ފުލުހުންނަށް ކިޔައިދިނެވެ.
މި ވެބްސައިޓާ ގުޅިގެން 2023 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ފުލުހުންނަށް 329 އަށްވުރެ ގިނަ ރިޕޯޓް ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުމާއި މަޖުބޫރުކުރުވުން އަދި ބްލެކްމެއިލް ކުރުން ފަދަ ސީރިއަސް މައްސަލަތައް ހިމެނެއެވެ.
ބީބީސީއަށް މައުލޫމާތު ދިން ގިނަ އަންހެނުން ބުނިކަމަށް ބީބީސީން ބުނަނީ އެހެން މީހުންގެ ވާހަކަތައް އިވުމުން އެމީހުންނަށް ކުރިމަތިވި އަނިޔާތަކާ ބެހޭގޮތުން ވާހަކަ ދައްކަން ހިތްވަރު ލިބުނު ކަމަށެވެ.
ބައިވެރިޔާ މަޖުބޫރުކޮށްގެން ނުދަންނަ މީހުނާއެކު ގުޅުންހިންގި 50 އަންހެނެއްގެ ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ