މާދަމާ ހަވީރު ފުވައްމުލަކު ސިޓީގައި ޕީޕީއެމުން ހާއްސަ ސައިކަލް ބުރެއް ބާއްވަނީ

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގަންނަވާ ސައިކަލް ބުރެއް މާދަމާ ހަވީރު ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމައިފިއެވެ.ޕީޕީއެމްގެ ކެމްޕެއިން ޓީމުން ވިދާޅުވި ގޮތުގައި އެ ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 04:00 ގައި ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަހައްދުގައެވެ.އެ ސައިކަލް ބުރަކީ އެ ސިޓީގެ ރައްޔިތުން ރައީސް ޔާމީނާއެކު ތިބި ކަން އެންގުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތެކެވެ. އަދި މި ހަރަކާތުގައި އެ ސިޓީގެ ގިނަ ޒުވާނުންނާއި، ރައްޔިތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްގެ ކެމްޕެއިން ޓީމުން މަޢުލޫމާތުދެއެވެ.މުޅި ފުވައްމުލަކު ސިޓީގައި ބާއްވާ އެ ސައިކަލް ބުރުގެ ތެރެއިން ރައްޔިތުންގެ ޝުޢޫރު ފާޅު ކުރުންވެސް ކުރިއަށްދާނެއެވެ. ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ގިނަ އަވަށްތަކަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވާފައިވެއެވެ.އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މަޣުރިބު ނަމާދަށް ފަހު އެ ސިޓީގެ މިސްކިތެއް ކަމަށްވާ އުއްމުލް ގުރާގައި ދީނީ ނަސޭހަތްވެސް ދެއްވާފައެވެ. ދީނީ ނަސޭހަތް އަޑު އެހުމަށް ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެ މިސްކިތަށް ގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ