ގެއްލިގެން ހޯދާ ކުއްޖާ ކުޑަކުދިންގެ ހިޔާއަށް ގެންދެވުނީ އެސެސްމަންޓުތަކެއް ހަދަން: ޖެންޑާ

ގެއްލިގެން ހޯދާ ކުއްޖާ ކުޑަކުދިންގެ ހިޔާއަށް ގެންދެވުނީ އެސެސްމަންޓުތަކެއް ހެދުމަށް ކަމަށާއި އެކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ގެއްލިގެން ހޯދާ ކުއްޖެއް ކަމަށް ފުލުހުން އިއުލާންކުރި އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ކުއްޖާއަކީ ކުޑަކުދިންގެ ހިޔާގައި ދަފުތަރު ކުރެވިފައިވާ ކުއްޖެއް ނޫން ކަމަށެވެ.
އިބްރާހިމް މުހައްމަދު ވިދާޅުވީ ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ ކުޑަކުދިންގެ ހިޔާއަށް ގެންދެވުނީ އެސެސްމަންޓްތައް ހެދުމަށް ކަމަށާއި އެކުއްޖާ ގެއްލުނީ ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އަދި ޝައިމް އަބްދުﷲ އެސެސްމަންޓަށް ގެނެވުނު ނަމަވެސް، ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއްތަން ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ހޯދަން މީގެ ދެ ދުވަސް ކުރިން ފުލުހުން އިއުލާންކުރި ނަމަވެސް، އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއްޓައި، މިދިޔަ އަންގާރަ ދުވަހުގެ 9:29 ހާއިރު ޝައިމް ވަނީ ފިލައިގެން ގޮސްފައެވެ.
ޝައިމް އަބްދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުމަށްފަހު އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ