ޑުބައިކް: އައްމިލައަށް ކަރަންޓު އުފައްދާ ސްމާޓް ބައިސްކަލެއް

ޗައިނާގެ އެންމެ ބޮޑު އެއް ސާޗް އިންޖިން ކަމަށްވާ "ބައިޑު"އިން މައުލޫމާތު އުފައްދާ ސެންސަރުތަކެއް ހަރުކުރުކޮށްގެން ފަރުމާކޮށްފައިވާ ސްމާޓް ބައިސްކަލެއް ކަމަށްވާ "ޑުބައިކް" ދައްކާލައިފި އެވެ.
ބެއިޖިންގެ ޝިންހުއާ ޔުނިވާސިޓީގެ ޑިޒައިން ޑިޕާޓްމެންޓާ ގުޅިގެން ތައްޔާރުކުރާ އެ ބައިސްކަލަކީ ޕެޑަލްސް (ފިޔަވަޅު ގަނޑު)ގެ އެހީގައި އަމިއްލައަށް ކަރަންޓު އުފައްދާ ބައިސްކަލެކެވެ.
ބައިސްކަލުގެ އެކި ހިސާބުގައި ހަރު ކުރެވިފައިވާ ސެންސަރުތަކުގެ އެހީގައި އިންސާނާގެ ހާޓް ރޭޓާއި އިށީނދެ އިންނަ ޕްރެޝަރާއި ފައިގެ ޕްރެޝަރު ބަލާނެ އެވެ. މީގެ އިތުރުން އެ ބައިސްކަލު ދުއްވާފައިދާ ސްޕީޑް އޭގައިވާ ސެންސަރުގެ އެހީގައި ބުނެދޭނެ އެވެ. އެބައިސްކަލު ކަރަންޓު އުފައްދާނީ ކައިނެޓިކް އެނާޖީ، އިލެކްޓްރިކް އެނާޖީއަށް ބަދަލު ކޮށްގެނެވެ.
ބައިސްކަލުން އުފައްދާ ހުރިހާ މައުލޫމާތުތަކެއް އެމީހަކު ގެންގުޅޭ ފޯނަކަށް ބްލޫޓޫތުގެ އެހީގައި ސިންކްރޮނައިޒް ކޮށްލެވެއެވެ. އަދި އެ މައުލޫމާތުތައް ސޯޝަލް މީޑިއާ ތަކުގައި ޝެއާ ކުރުމަށް އުނދަގޫ ނުވާނޭ ކަމަށް ބައިޑުން ބުނެއެވެ.
ބައިޑޫގެ އިންސްޓިޓިއުޓް އޮފް ޑީޕް ލާނިން (އައިޑީއެލް) އިން ދަނީ ބައިސްކަލުތަކަށް ހާއްސަކޮށް އޮޕަރޭޓިން ސިސްޓަމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އެހީގައި ސިއްހަތު މޮނިޓަރ ކުރުމާއި ނެވިގޭޓް ކުރުމާއި މެޕިން ފަދަ ކައްތައްތައް އެ ބައިސްކަލުން ކުރެވޭނެ އެވެ.
ބައިސްކަލް ހަދަން ބޭނުންކުރާ މާއްދާތަކާއި އަދި ބަރުދަން އެނގޭނީ އަންނަ އަހަރު އެ ބައިސްކަލް ބާޒަރަށް ނެރުމުންނެވެ. ބައިސްކަލް ވިއްކާނެ އަގަކާ މެދު އެ ކުންފުނިން އެއްޗެކޭ ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ