މަހިންދަ ރާޖަޕަކްސަގެ ޕާޓީއާއެކު ސިޔާސީ ގިނަ ޕާޓީތަކުން އިއްތިހާދު ހަދައިފި

ސްރީލަންކާގެ މައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސިޔާސީ ޕާޓީ ކަމުގައިވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއާއެކު، އެގައުމުގެ އިދިކޮޅު ގިނަ ޕާޓީތަކުން މިއަދު އިއްތިހާދު ހަދައިފިއެވެ.
އެގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ކުދި އަދި ބޮޑެތި ދިހަ ޕާޓީއަކުން މިއަދުވަނީ، މަހިންދަ ރާޖަޕަކްސަގެ ޕާޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެ ހުރިހާ ޕާޓިއަކާއި، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއާއެކު މިއަދު ވަނީ އިދިކޮޅު އިއްތިހާދެއް ހަދާފައެވެ.
މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއާއެކު އިއްތިހާދު ހެދި ޕާޓީތަކުގެ ތެރޭގައި ހިމެނެނީ، ދަ މައުބިމާ ޖަނާތާ ޕާޓީ، ދަ ލަންކާ ވޯރކާސް ޔުނައިޓެޑް ފްރަންޓް، ދަ ޓެމިލް ޔުނައިޓެޑް ފްރީޑަމް ފްރަންޓް، ދަ އީލަވާ ޑިމޮކްރަޓިކް ޕާޓީ، ދަ ލިބަރަލް ޕާޓީ، ދަ ނަވަ ސިންހަލަ އުރުމަޔަ، ދަ ޑިމޮކްރަޓިކް ނޭޝަނަލް މޫވްމަންޓް، ދަ އެކްސަތު ލަންކާ މަހާ ސަބާވާ، ދަ މުސްލިމް އުލަމާ ޕާޓީ އަދި ދަ ބޫމި ޕުތުރާ ޕާޓީއެވެ.
މަހިންދަ ރާޖަޕަކްސަ ބޭނުންފުޅުވަނީ، ސިޔާސީ ގިނަ ޕާޓީތައް ހިމެނޭ އިއްތިހާދެއް ހަދައިގެން ހުރިހާ ޕާޓީއެއް އެކުގައި ރިޔާސީ އިންތިޚާބަށް ނުކުތުމަށެވެ.
ޚަބަރު ލިބޭގޮތުގައި، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއާއި، މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއާ ދެމެދުވެސް މަޝްވަރާތައް ކުރިއަށް އެބަދެއެވެ.
ރައީސް ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ތިލަންގަ ސުމަތިޕާލަ މިއަދު ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި ކުރެމުންދާ މަޝްވަރާތަކުގައި، ދެ ޕާޓީއަށްވެސް ފައިދާވާނޭ މުހިންމު ސިޔާސަތުތަކާމެދު މިހާތަނަށް ދެނެގަތުމަކަށް އާދެވިފައިވާ ކަމަށެވެ.
ތިލަންގަ ސުމަތިޕާލަ ވިދާޅުވީ، އެހެން ނަމަވެސް، މިއަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް ނެރޭނޭ ކެންޑިޑޭޓަކާމެދު ސްރީލަންކާ ފްރީޑަމް ޕާޓީން އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ރައީސް ސިރިސޭނާވެސް އަދި ގޮތެއް ނުނިންމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިލަންގަ ސުމަތިޕާލަ ވިދާޅުވީ، މި ދަނޑިވަޅަކީ ރައީސް ސިރިސޭނާއާއި، މަހިންދަ ރާޖަޕަކްސައާ ދެމެދު މިފަދަ މަޝްވަރާތަކެއް ބާއްވަން އެންމެ އެކަށީގެންވާ ދަނޑިވަޅު ކަމުގައި ދެކޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ