ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ: މިނިސްޓަރު

އެންވަޔަރަންމަންޓް މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހެޔޮއަގުގައި ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ މަޝްވަރާތައް ކުރަމުންގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ާމިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ސާކް ކައުންސިލް އޮފް އެކްސްޕާޓްސް އޮފް އެނާޖީ ރެގިއުލޭޓާސްގެ ހަތަރުވަނަ ބައްދަލުވުން މިއަދު އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރަމުންދަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ވީހާވެސް އަގުހެޔޮކޮށް ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ކަމަށެވެ. ރާއްޖޭގައި މިކަން ތަންފީޒުކުރެވޭނެ ގިނަ ގޮތްތަކެއް ބަލަމުން ގެންދާ ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ ސައުތު އޭޝިއާގެ ގައުމުތަކުގައި ކަރަންޓު ގަނެވިއްކުމުގެ ބާޒާރެއް އަދި އުފެދިފައި ނުވާކަން ވެސް ފާހަގަަކުރައްވާފަ އެވެ. މިކަމުގެ ސަބަބުން ކަރަންޓުގެ އަގު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ކަރަންޓު ގަނެވިއްކުމުގެ ބާޒާރެއް ގާއިމުކުރެވިއްޖެނަމަ ކަރަންޓު ފޯރުކޮށްދިނުމުގައި ގައުމުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމުގައިވެސް ފައްޔާޒު ވިދާޅުވި އެވެ. މިސަރަހައްދުގެ ގައުމުތަކުގައި ކަރަންޓު ގަނެވިއްކުމުގެ ބާޒާރެއް ގާއިމުކުރުމުގެ ސަބަަބުން ރާއްޖެއަށް މިކަމުގެ ތެރެއިން ސީދާ ގޮތެއްގައި ފައިދާތަކެއް ނުލިބުނު ނަމަވެސް ރާއްޖޭގެ ވަށައިގެންވާ އެހެން ގައުމުތަކަށް ފައިދާތަކެއް ލިބުމުން ރާއްޖެއަށް ވެސް ރަނގަޅު ގޮތްތަކެއް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެެވެ.
ފައްޔާޒު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭަގެ ކަރަންޓުގެ ހިދުމަތުގެ އަގު ބޮޑުވުމާއި، ރާއްޖެއަށް ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ހިދުމަތް ނުލިބުން ކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށާއި، އާންމުންނަށް ނޭދެވޭ އަސަރުތަކެއް ވަރަށް ބޮޑަށް ކުރާ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގެ މެނިފެސްޓޯގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ސިޔާސަތު އެކުލަވާލާފައިވާ ގޮތަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނސްޓަރު ވިދާޅުވި އެވެ. މިކަން ތަންފީޒުކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ހެޔޮއަގުގައި ފޯރުކޮށް ނުދެވުން ކަމުގައިވެސް ވިދާޅުވި އެވެ. ކަރަންޓު ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމުގައިވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ