ސިމާދު މަރުވީ ކަރަންޓް ޖެހިގެން: އެމްސީ ހަމީދު

ޒަހަމްތަކަކާ އެކު ގއ. ވިލިނގިލީގައި މަރުވެފައި އޮއްވައި ފެނުނު 39 އަހަރުގެ ހުސައިން ސިމާދު މަރުވެފައިވަނީ ބެލެވޭ ގޮތުގައި ކަރަންޓް ޖެހިގެން ކަމަށް ފުލުހުންގެ އެކްޓިން ކޮމީޝަނާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ. ވިލިނގިލީ މިހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ ސިމާދު މަރުވެފައި އޮއްވާ ފެނުނީ، މިދިޔަ ހަފްތާ އާދިއްތަ ދުވަހުއެވެ. މަރުވެފައި އޮއްވާ ފެނުނީ ވިލިނގިލީގައި ސަފީރީއެއް ހަދަމުން ގެންދިޔަ އޮޑިހަރުގެއިންނެވެ. ވަޅުލާފައިވަނީ ޖެހިގެން އައި ހޯމަ ދުވަހު އޭނާގެ އުފަން ރަށް، އައްޑޫ ސިޓީ ހިތަދޫގައެވެ. ސިމާދުގެ މަރާ ގުޅުގެން އެމްސީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ މަރުވެފައިވަނީ ކަރަންޓްގައި ޖެހިގެންކަމަށް ބެލެވޭ ކަމަށެވެ. އަދި ފުލުހުންނަށް ނާންގާ، އަނެކާގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސަލާމަތީ ކަންކަން ނުކުރުމަށް އޭނާ ހަމީދު އާންމުންގެ ކިބައިން އެދިވަޑައިގަތެވެ. "[ސިމާދު] މަރުވީ، ކަރަންޓުގައި ޖެހިގެން ކަމަށް ބެލެވޭ. އާންމުންގެ ފަރާތުން އެދެން ސަލާމަތީ ކަންކަމުގައި އަނެކާގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ނުކުރުމަށް. ހާއްސަކޮށް ފުލުހުންނަށް ނާންގާ،" ހަމީދު ކުރެއްވި ޓްވީޓްގައި ލިޔުއްވިއެވެ. ސިމާދުގެ މަރާ ގުޅިގެން ރަށުތެރޭ އެކި ގޮތަށް އެކި ވާހަކަ ދެކެވެއެވެ. ރަށުން ވާހަކަ ދައްކާ ބައެއް މީހުން ބުނާ ގޮތުގައި ސިމާދު މަރުވެފައި ވަނީ، ވަގުން ހިފުމަށް ޖެހި ކަރަންޓް ދަންތުރައެއްގައި ޖެހިގެންނެވެ. ނަމަވެސް އެމްސީ ހަމީދު މިރޭ ކުރެއްވި ޓްވީޓުގައި އޭނާ މަރުވީ ސީދާ ކަރަންޓް ދަތުރައެއްގައި ޖެހިގެން ކަމަށް ވިދާޅެއްނުވެއެވެ. Investigative findings in the case of Hussain Simad of GA Vilingili, Dhethandimaage, suggest the cause of death to be electrocution. We urge the public to not take measures in property protection, that are likely to put one’s life in danger, especially without due notice. — Mohamed Hameed (@M_Hameedh) February 25, 2019 ސިމާދުގެ މަރުގެ މައްސަލައިގައި އެނާ މަރުވެފައި އޮއްވާ ފެނުނު ހަރުގެ ބަލައްޓާ މީހާގެ ބަޔާންވެސް ފުލުހުން ވަނީ ނަގާފައެވެ. ސިމާދަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަމަވެސް ފަހުން އެ 13 މީހުން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ