ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ މުސްތަޤްބަލަށްޓަކައި ކުރެވޭނެ އެއްވެސް ފޮނި އުއްމީދެއް ނެތް ބަޔާނެއް: ލޭބަރ ޕާޓީ
14:30ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ މުސްތަޤްބަލަށްޓަކައި ކުރެވޭނެ އެއްވެސް ފޮނި އުއްމީދެއް ނެތް ބަޔާނެއް ކަމުގައި މޯލްޑިވިއަން ލޭބާ ޕާޓީން ބުނެފި އެވެ.ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް ރައްދުދީ ލޭބާރ ޕާޓީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު މިއަދު އިއްވަވާފައިވާ ބަޔާނަކީ މީގެކުރިން ދުވަހަކަވެސް ދިވެހިން އަޑުއަހާފައިނުވާފަދަ ފެންވަރުދަށް ކުރަކި، އެހާމެ ބަހުރުވަ ހުތުރު، ބަޔާނެއް ކަމުގައި އެޕާޓީން ދެކޭ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު މިއަދު އިއްވެވި ބަޔާން ފުރަތަމަވެސް ފައްޓަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރުދައްކަވައި ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް މަޖިލީހުގެ މެންބަރުން ގެންދާނަމަ، ބޮޑެތި ގެއްލުންތަކެއް މުޅި ޤައުމަށް ލިބޭނެފަދަ ކަންތައްތަކެއް ސަރުކާރަށް ކުރަން ޖެހިދާނެކަމުގެ ހަރުކަށި ވާހަކަފުޅުތަކަކާ އެކުގައި ކަމަށްވެސް ލޭބާ ޕާޓީން ބުނެ އެވެ. އަދި މިއީ ޑިމޮކްރަސީގެ ހަމަތަކާ މުޅީން ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނީ އިއްޒަތާ ހައިބަތާ އަދި ކަރާމަތާވެސް މުޅިން ހިލާފަށް ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށްވެސް ލޭބާ ޕާޓީގެ އެ ބަޔާނުގައިވެ އެވެ.މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައިވާ ބައެއް ނުކުތާތަކަށް އަލިއަޅުވާލާ ލޭބާރ ޕާޓީން ބުނެފައި ވަނީ ފައިސާ ބަހައިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންތައްތައް ހާސިލްކޮށް، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ދޭހެވާފަދަ ވާހަކަތަކެއް ރައީސް ނަޝީދު ދެއްކެވިއިރު، ފައިސާ ބަހައިގެން މަޖިލީހުންގެ މެންބަރުން ގަންނަނީ އަދި އިތުރު މެންބަރުން ގަތުމަށް މަސައްކަތްކުރަމުންދަނީ ވެސް އެމްޑީޕީން ކަން ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ރައްޔިތުންނަށް އެނގި ކަށަވަރުވެފައިވާ ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރު ސަރުކާރުން ލަފާކުރި ވަރަށްވުރެ މައްޗަށް ދައުލަތުގެ ދަރަނި ގޮސް، މާލީ ނިޒާމު ބޮއްސުންލާފައިވާކަން އެ ބަޔާނޔން ކަށަވަރުވެގެން ގޮސްފައިވާ ކަމަށްވެސް ލޭބާ ޕާޓީގެ އެ ބަޔާނުގައިވެ އެވެ.މީގެއިތުރުން ތައުލީމާއި، ސިއްހީ ރޮނގުން އެދެވޭ ކާމިޔާބެއް އަދި ކާމިޔާބު މަޝްރޫއުތަކެއް 2009 ވަނަ އަހަރު ހުށަހެޅިފައިނުވާ ކަމަށާއި އަދި މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވައުދުވެފައިވާ ކަންތައްތަކުގެ ތެރެއިން މިހާތަނަށް އެ ވައުދުތައް ފުއްދައިދީފައިނުވާ ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދު މިއަދު ރައީސް ނަޝީދު އިއްވެވި އެބާޔާނުން އެނގިގެން ދިޔައީ ވެރިކަން ހިންގުމުގައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރު ފޭލްވެއްޖެ ކަމަށާއި ވެރިކަމަށް އައުމުގެ ކުރިން އެޕާޓީން ވެފައިވާ ގިނަ ވައުދުތަކާ ހިލާފުވެފައިވާ ކަމަށްވެސް ލޭބާ ޕާޓީގެ އެބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ