ގައުމީ ބަތަލެއްގެ ލަގަބު ގާސިމަށް ދެއްވުމަށް މައުމޫން އެދިވަޑައިގަންނަވައިފި

ގައުމީ ބަތަލެއްގެ ލަގަބު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނަސަންދުރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޔާމީންގެ އަރިހުން އާ ލަގަބެއް ނުވަތަ ޝަރަފެއް އުފެއްދުމަށް އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖެ އަށް ހިދުމަތްކޮށްދޭ އެކި އެކި ފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ލަގަބުތަކާއި އިއްޒަތްތައް އެރުވެމުންދާ ކަމަށެވެ.
"އަޅުގަނޑު މިހުށަހަޅަނީ ގައުމީ ބަތަލު، މިނަމުގައި އާ ލަގަބެއް، އާ ޝަރަފެއް، އާ އިއްޒަތެއް ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި ދެއްވައި އެމަގާމަށް ގާސިމް އިބްރާހިމް ހަމަޖެއްސުމަށް" ރައީސް މައުމޫން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުގެ އެންމެ ބޮޑު ސިއްރަކީ ގާސިމް އިބްރާހިމް ގުޅިވަޑައިގަތުން ކަމަށާއި އެހެންވެ އެކަމަށްޓަކައި ގާސިމަށާއި ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ގާސިމް ޕީޕީއެމާއި ގުޅިވަޑައިގެންނެވުމަށް ނިންމެވުމަކީ ގައުމަށް ވަރަށް ވަފާތެރި ދަރިއެއްކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ މާތް ﷲ ދައްކަވާފައިވާ ކަމަށާއި އަދި ވަރަށް ކެތްތެރިކަމައި ހިތްތިރިކަމާއިއެކު ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއްގޮތަކަށް ވެސް އުފާވެރިކަން ހައްދުފަހަނަ އަޅައި ގޮސް ނޭދެވޭ އަމަލުތަކެއް ފެންނަ ހިސާބަށް ކަންތައްތައް ގެންދިއުމުގެ ވިސްނުން ނުގެން ގުޅުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ވަރަށް ރީތިކޮށް، ހަރުދަނާ ގޮތެއްގައި މި އިންތިހާބު ގަބޫލުކޮށް ކުރިއަށް އޮތްތަނުގައި ގައުމައިގެން ކުރިއަށް ދެވޭނެ ގޮތް އާ ސަރުކާރަށް މަގުފަހިކޮށްދެއްވާށޭ، އެހެންވީމަ ހުރިހާ ރައްޔިތުންނަށް ދަންނަވަން ވަރަށް ކެތްތެރިވެވަޑައިގަންނަވާށޭ، ވަރަށް ހިކުމަތްތެރިކަމާއި މަޑުމައިތިރިކަމާއިއެކު އުފާފާޅުކުރުމުގެ ކަންތައް ކުރިއަށް ގެންދަވާށޭ." މައުމޫން އިލްތިމާސްކުރެއްވި އެވެ.
މީގެއިތުރުން އެއްވެސް ފަރާތަކުން ހަމަނުޖެހުމަކަށް މަގުފަހިވާނެ އެއްވެސް ކަމެއް ނުކުރުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގަންނަވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަނީ ޝުކުރު ދަންނަވާފައެވެ. ރައީސް މައުމޫން ވިދާޅުވި ގޮތުގައި ނަޝީދަށް ޝުކުރު ދެންނެވީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރަސީގެ ރިވެތި އުސޫލު ދައްކަވާފައިވާތީ އެވެ.
އަދި ރައީސް ނަޝީދަށް ގެއްލުމެއް އަދި އެމްޑީޕީއަށް އުނިކަމެއް ލިބޭނެ ގޮތަށް މަސައްކަތްނުކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ