ހަވީރު ސްޕޯޓްސް އެވޯޑުގެ ޕާޓްނަރުންނަށް އުރީދޫ، އެސްޓީއޯ އަދި މޯލްޑިވިއަން

ބާވީސް ވަނަ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންގެ ގޮތުގައި އުރީދޫ، އެސްޓީއޯ އަދި މޯލްޑިވިއަން ހަމަޖައްސައި އެ ފަރާތްތަކާ އެކު ސްޕޮންސަޝިޕް އެގްރީމަންޓްގައި މިރޭ ސޮއިކޮށްފި އެވެ. ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ރާއްޖޭގެ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑުގެ ޕާޓްނަރުންނާއި އެސޯސިއޭޓް ސްޕޮންސަރުންނާ އެކު ހަވީރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހަވީރު މީޑިއާ ގްރޫޕުގެ ޑިރެކްޓަރު ލީނާ މުހައްމަދު ޒާހިރު ހުސެއިނެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުސްލިހް މަސީހެވެ. މުވާސަލާތީ ކުންފުނި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތެވެ. އެސްޓީއޯގެ ފަރާތުން މުސްލިހް (ވ) އަދި ހަވީރުގެ ފަރާތުން ލީނާ އެއްބަސްވުމުގައި ސޮއިކުރައްވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މި ފަހަރު ވެސް ހަވީރު ސްޕޯޓްސް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކަށް ޓީވީއެމް ހަމަޖެއްސިއިރު، އެޑްވަޓައިޒިން ޕާޓްނަރަކަށް ހަމަޖެއްސީ ތިންކް އެސޯސިއޭޓްސް އެެވެ. އޮފިޝަލް ކޭޓަރިން ޕާޓްނަރަކީ ސަލްސާ އިންވެސްޓްމަންޓެވެ. ސަލްސާގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ސަލްސާ އިބްރާހިމް އާމިރު ސޮއިކުރެއްވިއިރު، ތިންކުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދީލް އިސްމާއިލް އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ ހަތަރު އެސޯސިއޭޓް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސާއި ސޮނީ ސްޕޯޓްސް އާއި އެމްއެޗްއޭ އަދި ބީއެޗްއެމް އެވެ. މީގެ ތެރެއިން ސޮނީ ސްޕޯޓްސް އަކީ ހަވީރު ސްޕޯޓްސް އެވޯޑްސް ފެށުނީއްސުރެ ބައިވެރިވަމުން އަންނަ ކުންފުންޏެކެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދު ސޮއިކުރެއްވި އިރު ސޮނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކަލީމެވެ. އެމްއެޗްއޭގެ ފަރާތުން ޖެނެރަލް މެނޭޖަރު ޕީ.އެމް ސަކްތިވެލް ސޮއިކުރެއްވި އިރު، ބީއެޗްއެމްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހިމް ޝަރީފެވެ. މޯލްޑިވިއަންގެ ފަރާތުން ނަޝާތު (ވ) އަދި ހަވީރުގެ ފަރާތުން ލީނާ އެއްބަސްވުން ބަދަލުކުރައްވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލީނާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ހުނަރުތައް ފާހަގަކޮށް އެ ކުޅުންތެރިންނަށް ހަވީރުން އެވޯޑް ދެނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ޕާޓްނަރުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައި ކަމަށެވެ. އެހެންވެ، އެ ފަރާތްތަކަށް އޭނާ ވަނީ ވަަރަށް ހާއްސަ ޝުކުރެެއް އަދާކުރައްވާފަ އެވެ. މީގެ އިތުރުން، ލީނާ ވިދާޅުވީ ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގައި ހަވީރުން ދައުރެއް އަދާކުރާ ކަަމަށާއި، ހަވީރު ސްޕޯޓްސް އެވޯޑްސް ފުރިހަމަކަމާ އެކު ކުރިއަށް ގެންދާތީ ހަވީރުގެ ނޫސްވެރިންނަށާއި މުއައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. "މިހާރަށް ވުރެ ފުރިހަމަ ކަމާ އެކު ހަވީރު ސްޕޯޓްސް އެވޯޑްސް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވި އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގައި ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު އަދި ރެފްރީ ހޮވަ އެވެ. މީގެ އިތުރުން ވޮލީބޯޅަ އާއި ބާސްކެޓްބޯޅައިގައި އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާ އާއި ދެ ޖިންސުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހޮވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ