ސިޔާސީ މަސައްކަތަކީ ހެޔޮލަފާ މީހުން ކައިރިވާން ފަސް ޖެހޭ ކަމަކަށް މިހާރު ވެއްޖެ: އުމަރު

ސިޔާސީ މަސައްކަތަކީ ހެޔޮލަފާ މީހުން ކައިރިވާން ފަސް ޖެހޭ ކަމަކަށް މިހާރު ވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ގުޅިގެން ފަށާ އިސްލާހީ ހަރަކާތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި އުމަރު މިރޭ ވިދާޅުވީ އޭނާގެ ނަޒަރުގައި މިހާރު ސިޔާސީ މަސައްކަތްތައް ހާއްސަވެފައިވަނީ ވައްކަން ކުރާ މީހުންނަށެވެ. އަދި ސިޔާސީ ގިނަ ޕާޓީތައް ހިމެނޭ ނިޒާމް ތައާރަފް ކުރިތާ 16 އަހަރުވީ އިރު، ދައުލަތުން ގެއްލުނު ފައިސާ އާއި ގައުމު ދޫކޮށް ދިޔަ ތައުލީމީ ތަޖުރިބާ ހުރި މީހުންގެ ސަބަބުންނާއި ޕާޓީތަކުން ވެރިކަން ކުރިގޮތުން އެންމެން ވެސް ސިޔާސީ ޕާޓީތައް ދެކެ ފޫހިވެއްޖެ ކަމަށް ވިދާޅުވި އެވެ."ދިވެހިން މިހާރު އިންތިޒާރު ކުރަނީ ތައުލީމާއި ތަޖުރިބާހުރި، ތެދުވެރި އިހްލާސްތެރި ޓީމެއް ފެންނާނެ ދުވަހަކަށް. މި ދައުލަތް އަލުން ތަރުތީބުކޮށްދޭނެ އާ ބަޔަކަށް،" ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.  އުމަރު ވިދާޅުވީ މީގެ 16 އަހަރު ކުރިން މަލްޓިޕާޓީ ވެރިކަމުގެ ނިޒާމެއް ތާއާރަފް ކުރުމުން ހީކުރެވުނީ ދެން އުފެދިގެން އަންނާނީ ޒިންމާދާރު ސަރުކާރުތަކެއް ކަމަށެވެ. ނަމަވެސް ހީކުރިގޮތައް ކަންކަން ނުވިކަމަށް އުމަރު ވިދާޅުވިއެވެ. "ނަމަވެސް ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ އަބުރު ގެއްލި، ދައުލަތުގެ ކަރާމާތް ގެއްލުން ނޫންކަމެއް ނުވި." އުމަރު ވިދާޅުވިއެވެ. ޑީއެންއޭގައި އިސްކޮށް ތިއްބަވަނީ ސިޔާސީ ބޭފުޅުން ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން މީގެ ކުރިން ބައެއް ސިޔާސީ މަގާމުތަކާއި ސަރުކާރުގެ އެކި މަގާމުތަކުން ބައެއް ފަރާތްތަކެވެ.މިރޭ އިފްތިތާހުކުރި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނަމަވެސް މިއީ އަދި ސިޔާސީ ޕާޓީއެއް ނޫނެވެ. ނަމަވެސް މިއީ ގައުމީ ވިސްނުމުގައި ކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތްތައް މިރޭ ވަނީ ބުނެފަ އެވެ."މިއީ ކޮރަޕްޓް ޕޮލިޓީޝަނުން އަތުން ގައުމު އަތުލައި ގައުމު އަމިއްލަ ފައިމައްޗަށް ނެގުމަށް އުފެއްދި ހަރަކާތެއް،" އުމަރު ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، ޑީއެންއޭއަކީ ރާއްޖޭގައި ހުރި އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އުފެއްދި ހަރަކާތެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހަރަކާތް އިތުރަށް ފުޅާވާނެ ކަމަށެވެ. އަދި ޑީއެންއޭއާ ގުޅުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުމަރު ދައުވަތު އެރުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ