ޔާމީން ވިދާޅުވީ އަމީރު ދައްކަވާ ވާހަކަފުޅުގައި ބުރަދަނެއް ނެތް ކަމަށް

ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދައްކަވާ ވާހަކަފުޅުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަން ފަދަ ތަނަކުން އިގްތިޞާދީގޮތުން ބުނާ ބުނުމަކަށް ޗެލޭންޖު ނުކުރެވޭނެ ކަމަށެެވެ. އަންނަ އަހަރުގެ ނިޔަލަށް ރިޒާވް ހުސްވެދާނެ ކަމުގެ ބިރުބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޖޭޕީ މޯގަން އިން ވަނީ ދާދިފަހުން ބުނެފައެވެ. އެ ބޭންކުން އެހެން ބުނެފައި ވަނީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ކުރާ އިގްތިޞާދީ އަސަރުތަކާ ބެހޭގޮތުން އެކުލަވާލި ރިޕޯޓެއްގައެވެ. އެ ބޭންކުން ދިރާސާކުރި 52 ގައުމުގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ ގައުމުތަކުގެ ދަރަނި އަނބުރާ ދެއްކުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން ވެސް އަންނަ އަހަރުގެ ނިޔަލަށް ރިޒާވް އެއްކޮށް ހުސްވެ، ޑިފޯލްޓް ވާނެ ކަމުގެ ބިރު އޮތް އަށް ގައުމެއް ފާހަގަކޮށްފައިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ވަނީ ހިމަނާފައެވެ. ޖޭޕީ މޯގަންގެ އެ ރިޕޯޓާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ކޮވިޑުގެ ކުރިން ހުރި ވަރުގައި ހިފެއްޓިފައި ހުންނާނެކަމަށެވެ. އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި އަނބުރާ ދެއްކުމުގައި ދަތިކަމެއް ނެތްކަމަށާއި، އިގްތިޞާދު ޑިފޯލްޓް ވުމުގެ ބިރެއް ވެސް ނެތް ކަމަށެވެ. އަދި ރާއްޖޭން ދަރަނި ނަގަމުން ދަނީ ބަޖެޓާ އެއްގޮތަށް ކަމަށާއި، ޓޫރިޒަމް އަލުން ހިނގައިގަނެ ރާއްޖޭގެ އިގްތިޞާދު ވެސް އަލުން ފުރިހަމައަށް ހިނގައިގަންނަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަމީރުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ޔާމީން ރޭ ވިދާޅުވީ މިނިސްޓަރު ދައްކަވާ ވާހަކައިގައި ބުރަދަނެއް ހުންނަންވާނެ ކަމަށާއި ރާއްޖޭގައި ތިބީ ތަންދޮރު ނުދަންނަ ބައެއް ނޫން ކަމަށެވެ. "މިގޮތަށް މިނިސްޓަރު ޝެފް ވާހަކަ ދެއްކެވީމަ ކަމަކު ނުދޭ ދެއްތޯ. އެ ދައްކާ ވާހަކައިގައި ބުރަދަނެއް ހުންނަންވާނެ. އެހެންވީމަ މިނިސްޓަރު ޝެފް ވިދާޅުވާނެ އެއީ ޖޭޕީމޯގަންގެ ރިސެޕްޝަންގަ އިން މީހެކޭ. އެއީ ޖޭޕީމޯގަންގެ ސްޕޯކްސްމަނެއް ނޫނޭ. މި ދައްކަނީ ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުގެ ވާހަކަ،" މިނިސްޓަރު އަމީރަށް ނިސްބަތް ކުރައްވައި ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ބާޒާރާއި ދުނިޔޭގެ އިގްތިޞާދަށް އަންނަ ބަދަލުތައް ކިތަންމެ ކައިރިން ދިރާސާ ކުރިޔަސް ރާއްޖެ އޮތީ ނާޒުކު ހިސާބެއްގައިކަން އެނގޭ ކަމަށެވެ. އިގްތިޞާދީގޮތުން މުޅި ދުނިޔެއަށް އަންނަ ލޮޅުމެއް ރާއްޖެއަށް ނައިސް ނުދާނެ ކަމަށާއި އެފަދަ ކަންކަމުން ރާއްޖެއަށް ކުރާ އަސަރު މާ ބޮޑުވާނެ ކަމަށް އިދިކޮޅު ލީޑަރު ވިދާޅުވިއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަށް ވެސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޕޯޑިއަމަށް އަރާވަޑައިގެން ވާހަކަފުޅެއް ދެެއްކެވިޔަސް އެ ވާހަކަ ވެރިފައި ކުރެވޭނެ ގޮތް ހުންނަ ކަމަށެވެ. ރައްޔިތުންގެ ތެރެއިން ހޭލުންތެރިކަން ކުޑަ މީހުންނަށް ވެސް ރައީސް ދައްކަވާ އެފަދަ ވާހަކަފުޅުތައް އޮޅުންފިލުވައިދޭނެ މާހިރުން ރާއްޖޭގައި އެބަތިބި ކަމަށް ޔާމީން ވިދާޅުވިއެވެ. "މިވަރުގެ މީހަކު އެއް މައްސަލައަކާ ގުޅޭގޮތުން އުޑާއި ބިމާހާ ތަފާތު ވާހަކަ ދެއްކީމަ ރައްޔިތުންނަށް އޮޅޭނެ ދެއްތޯ. ރައީސުލްޖުމްހޫރިއްޔާ ޕޯޑިއަމަށް އަރާ ހުންނަވާފަ މިއަދު ދައްކަވާ ކޮންމެ ވާހަކައެއް ހުރިހާ އެންމެނެއް ގަބޫލެއް ނުކުރާނެ،" ޔާމީން ވިދާޅުވިއެވެ. ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ޞާލިޙް ރައްޔިތުންނަށް އިލްތިމާސް ކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ހަމައެކަނި ރައްޔިތުން ކައިރީ ޚަރަދު ކުޑަކުރާށޭ ބުންޏަސް ނުފުދޭ ކަމަށެވެ. ރައްޔިތުންނެކޭ އެއްފަދައިން ސަރުކާރުގެ ޚަރަދު ވެސް ކުޑަކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އިގްތިޞާދީގޮތުން މިހާ ދަތި ދަނޑިވަޅެއްގައި ބައެއް ރަށްރަށުގައި ހޮސްޕިޓަލް އަޅަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމުން ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުން ރާއްޖޭގެ އިގްތިޞާދަށް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. "...ރާއްޖޭގެ ރައްޔިތުންނަކަށް ނޫން އެ ލިބެނީ. އެހެންވީމަ ރާއްޖެ ތިޔާގިވާނެ ގޮތެއް ނެތް. [އެ ފައިސާ] ރާއްޖޭގެ އިގްތިޞާދަށް ޕަމްޕު ކުރިއަސް އެ ވަންނަނީ ރާއްޖޭގެ އިގްތިޞާދަކަށް ނޫނޭ. އެ ދަނީ ރާއްޖެއިން ބޭރަށް،" ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ