މާލޭގެ ކަރަންޓް މައްސަލަ ހައްލުކުރަން ދެ ދުވަސް ނަގާނެ: އެމްޑީ ޝަރީފް

މާލެއަށް މިއަދު ދިމާވި ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް އަދި ދެ ދުވަސް ނަގާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އެމްޑީ ޝަރީފް މި ފަދައިން ވިދާޅުވީ، މިއަދު މެންދުރު ސްޓެލްކޯގެ މައި އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިއަދު ފަތިހުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެމުގެ މައްސަލަ ކުރިމަތިވިއެވެ.
އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައި މުޅި ރަށަށް ކަރަންޓް ދީފައިވާއިރު، ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ، ކޭބަލަކަށް ލިބިފައިވާ ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
މައްސަލަ ދިމާވީ ވަޓްޒިލާ ޕަވަރ ހައުސްގެ ފީޑަރ އަކަށެވެ. އެ ފީޑަރަކީ އަމީނީ މަގުން ނިކުމެގެން ގާކޮށި ފްލެޓްތަކުގެ ކައިރީގައި ހުންނަ 102 ނަންބަރު ސަބް ސްޓޭޝަނަށް ދާ ކޭބަލްއެވެ. ކޮންމެ ފީޑަރަކުން މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެއެވެ.
އެހެންވެ، އެ ފީޑަރ ބޭނުންކުރުން ހުއްޓާލައި، ސްޓެލްކޯ އިން ނިންމީ އެ ފީޑަރ އިން ކަރަންޓް ދޭ 10 ސަރަހައްދު އެހެން ފީޑަރުތަކަކަށް ބަހާލައިގެން ވަގުތީ ހައްލެއް ހޯދުމަށެވެ.
ކޭބަލަށް މައްސަލަ ދިމާވެފައި ވަނީ މަސައްކަތް ކުރުމުގެ ތެރޭގައި މީގެ ދުވަސްކޮޅެއް ކުރިން އެ ކޭބަލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
ވަގުތީ ހައްލެއް ލިބިފައި ވީ ނަމަވެސް މިއަދު 14:00 އިން ފެށިގެން ޕީކްވެއްޖެ ނަމަ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ ވެދާނެ ކަމަކެވެވެ. ނަމަވެސް މުޅި މާލޭން ކަރަންޓް ކެނޑުމަކީ ނާދިރު ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެހެން ކޭބަލްއެއް އެޅުމަށް ސްޓެލްކޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ކަމަށް ދެ ދުވަސްވަރު ނަގާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ