ފެނާއި ކަރަންޓް ބިލުން ޖޫރިމަނާ ކަނޑާލަދީ: ބޮންޑޭ

އަސާސީ ހިދުމަތްތަކުން ނަގާ ޖޫރިމަނާ ކަނޑާލަން ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހަޅުއްވައިފި އެވެ.މެމްބަރު އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ، ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މެމްބަރު ވިދާޅުވީ، އިންސާނާއަށް ކަރަންޓާއި ފެނާއި ނުލައެއް ނޫޅެވޭނެކަމަށާއި، އެހެންކަމުން މިފަދަ އަސާސީ ހިދުމަތްތަކުން ޖޫރިމަނާ ނެގިގެން ނުވާނެކަމަށެވެ.މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅުގައި އިޔާދަކުރެވެނި ހަކަތަ ގްރިޑަށް ގުޅައިގެން އިޔާދާ ކުރެވެނި ހަކަތަ ބޭނުން ކުރެވޭނެ ފުރުސަތު ނުލިބުނުގެ ޝަކުވާ ބައެއް ރަށްތަކުން ލިބުނު ކަމަށެވެ. ފެނާއި ނަރުދަމާގެ ބިލް އިސްލާހުވެގެން އަންނައިރު ކައުންސިލްތަކަށް ގްރިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދީގެން ނޫނީ ކަރަންޓުގެ އަގު ހެޔޮ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.ފެނާއި ނަރުދަމާގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް އަންނައިރު ފެނުން ނެގޭނެ އެންމެ ބޮޑު އަގުވެސް ކަނޑައެޅެންޖެހޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި އޭގެ އިތުރަށް ކަރަންޓު މީޓަރުތަކުން ނަގަމުންދާ ހުރިހާ ޖޫރިމަނާއެއް ނެގުން ހުއްޓައިލަންޖެހޭ ކަމަށެވެ."ކަރަންޓު އަދި ފެން ބިލު ނުދެއްކެނީ ފަގީރުވުމުން. ފަގީރުކަމުގެ ސަބަބުން ކަރަންޓު ބިލު ނުވަތަ ފެން ބިލު ނުދެއްކޭ މީހާ ބިލުގައި ޖޫރިމަނާ ހިމަނައިގެން ބިލު ދައްކަންޖެހެމުން އޮންނަނީ ދަރަނިވެރިވެފައި." ބޮންޑޭ ވިދާޅުވި އެވެ. "އަޅުގަނޑު ގޮވާލަން ޖޫރިމަނާތައް ކަނޑާލަން" ބޮންޑޭ ވިދާޅުވެފައިވެއެވެ.ބިލުގައި މިހާރު ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނަގާގޮތައް އޮތް ކަމަށާއި ކުރިން ޖޫރިމަނާގެ ގޮތުގައި ނަގަމުންއައީ 50،000 ރުފިޔާ ކަން ފާހަގަކޮށް ބޮންޑޭ ވަނީ އަސާސީ ހިދުމަތްތަކުން އެއްވެސް ވަރެއްގެ ޖޫރިމަނާއެއް ނުނެގުމަށް ގޮވާލާފައެވެ.ނަމަވެސް ޖޫރިމަނާތައް ކަނޑާލުމަށް ބޮންޑޭ ގޮވައިލެއްވިއިރު، އޭނާއަށް ފަހު ބިލަށް ބަހުސް ކުރެއްވި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ ޖޫރިމަނާ ކަނޑާލުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.ޝަރީފް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފުވާ މީހުންނާ މެދު ޖޫރިމަނާ ކުރުމަށް އޮންނަ އުސޫލަށް ތާއީދުކުރައްވާ ކަމަށާއި ގާނޫނާ ހިލާފުވާ މީހުންނަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ