މާދަމާ މޫސުން ރަނގަޅުވެ ހުކުރު ދުވަހު އަނެއްކާ ވެސް ގޯސް ވެދާނެ

28 ޖުލައި 2022 ވާ ބުރާސްފަތި ދުވަހު މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް ހުކުރު ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ދިވެހިރާއްޖެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މާދަމާ މޫސުން ރަނގަޅު ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް ވައިގަދަ ނުވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ޖެހިގެން އަންނަ ހުކުރު ދުވަހުން ފެށިގެން އަނެއްކާ ވެސް ރާއްޖޭގެ ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ހުކުރު ދަވަހުން ފެށިގެން ހަފުތާއެއްހާ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ.
މެޓުން ލަފާކުރަނީ މެދު ރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުމާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެެ ކަމަށާއި އެ ސަރަހައްދަށް ކަނޑު ވެސް ގަދަވާނެ ކަމަށެވެ.
ހުކުދު ދުވަހުގެ މޫސުން ރަނގަޅުވި ނަމަވެސް ގިނަ ހިސާބުަކަށް މާދަމާ ވެސް މޫސުން އޮންނާނީ ބަނަކޮށް ކަމަށް މޫސުމާ ބެހޭ އިދާރަ އިން ލަފާކުރެއެވެ.
މިއަދަށްވުރެ މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި މަޑުވާނެ ކަމަށް ބެލެވެއެވެ. ވައިގެ ބާރުމިން އެވްރެޖްކޮށް އުޅޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ.
ސްކޫލް ޗުއްޓީއަށް ވުމާއެކު ދަތުރުތައް ގިނަވާނެތީ، އަންނަ ހަފުތާގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެއެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ ތަފުސީލިތައް ހޯދުމަށް އެ އިދާރާއިން އެދެއެވެ.
އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ދަތުރު ނުކުރުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ