ފައިސާ ނުދައްކާތީ، ކުނީގެ ބިލް ޔުޓިލީ ބިލާއެކު ދައްކަން ޖެހޭގޮތް ހަދަނީ

ކުނި އުކާލުމަށް ރެޖިސްޓްރީނުކޮށް ޚިދުމަތް ހޯދާ މައްސަލަ ޙައްލުކުރުމަށް، ކުނީގެ ބިލް ޔުޓިލިޓީ ބިލާއެކު ދައްކަން ޖެހޭގޮތަށް އުސޫލަށް ބަދަލުގެނައުމަށް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަަދައްކަވަމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި ކުންފުނީގެ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫސުފް ސިރާޖް ވިދާޅުވީ، މާލެ ސަރަޙައްދުގައި ރަޖިސްޓްރީކޮށްގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ.
ޔޫސުފް ސިރާޖް ވިދާޅުވީ ކޯވިޑްގެ ޙާލަތުގެ ކުރިން 22000 މީހުން ރަޖިސްޓްރީކޮށްގެން ޚިދުމަތް ހޯދިކަަމަށެވެ. ނަމަވެސް އެއަށްފަހު އެކި ޙާލަތްތަކާ ގުޅިގެން މި އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ.
މާލޭގައި ފެނާއި ކަރަންޓުގެ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ އަދަދު 40000އިން މައްޗެވެ. ނަމަވެސް ކުނީގެ ޚިދުމަތަށް ރެޖިސްޓްރިކޮށް މިހާރު ޚިދުމަތް ހޯދަމުންދާ ގޭބިސީތަކުގެ ޢަދަދަކީ 14000އެވެ. މީގެތެރޭގައި ދެން ހިމެނެނީ ވިލިމާލެއިން ރެޖިސްޓްރީކޮށްފައިވާ 800 ގޭބިސީއާ ހުޅުމާލޭގެ 4000ގޭބިސީއެވެ.
ކުންފުންޏެއްގެ ޙައިސިއްޔަތުން، އެ ކުންފުނިންދޭ ޚިދުމަތަށް އާމްދަނީއެއް ނުލިބުމަކީ، ކުންފުނި ރަނގަޅަށް ހިނގައިގަތުމަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ޔޫސުފް ސިރާޖު ވިދާޅުވިއެވެ. ރަޖިސްޓްރީ ނުކުރާ މައްސަލައާއި ޚިދުމަތަށް ފީ ނުދައްކާ މައްސަލަ ޙައްލުކުރުމަށް އެންވާރަމެންޓް މިނިސްޓްރީއާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު ވެމްކޯއިންވަނީ މަޝްވަރާތައް ފަށާފައެވެ. އަދި މިކަމަށް ޙައްލު ހޯދޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
"ޕޮލިސީ ލެވަލްގައި މަސައްކަތް ކުރަމުންދަނީ މައްސަލަ ޙައްލުކުރުމަށް. މިކަމަށް އަލި މަގެއް ވަރަށް ކައިރި މުސްތްޤުބަލެއްގައި ފެންނާނެ. އެގޮތުން މީގެ ޙައްލެއްގެ ގޮތުން މިހާރު މަސައްކަތް ކުރަމުންދަނީ ކުނީގެ ޚިދުމަތަށް ބިލް ކުރުން، ޔުޓީލިޓީ ބިލާއެކު ހަމަޖެހޭގޮތަށް." ޔޫސުފް ސިރާޖް ވިދާޅުވިއެވެ.
ކުނީގެ މައްސަލަ ޙައްލުކުރުމަށް ވެމްކޯ އުފައްދައި މާލޭގައި ވަކި އުސޫލަކުން ކުނި އުކާލުމުގެ ޚިދުމަތް ފެށީ 2017ވަނަ އަހަރުއެވެ. އެ ކުންފުނިން މިހާތަނަށްވެސް ވަނީ ކުންފުނީގެ ޚިދުމަތްތައް ރަނގަޅުކޮށް، ޚިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
އެގޮތުން ގޭބިސީތަކުންނާ ވިޔަފާރިތަކުން ކުނި އުކާލުމުގެ ޚިދުމަތާއި ކުނި އުކައިދިނުމުގެ ޚާއްސަ ޚިދުމަތާއި މާލޭގެ މަގުތަކާއި މައިޒާންތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ވެމްކޯގެ ޚިދުމަތްތައް ފުޅާކުރުމާއި، ކުނި ވަކިކޮށްގެން އުކާލުމުގެ ޚިދުމަތަކީވެސް މުހިންމު ޚިދުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ