ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރީ އެމަނިކުފާނު ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެ މަހުގެ ފަސް ވަނަ ދުވަހު ރައީސް މައުމޫން ހައްޔަރުކުރީ، ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ.
އެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގަށް ފޯނު ނުދިން މައްސަލައެއްގައި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިކަމުގެ ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ހުންނެވީ ޖަލު ބަންދުގައެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަތް ނާކާމިޔާބީއަށްފަހު، ޕީޕީއެމްގެ ގައުމީ ޖަލްސާ ނިންމުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެކެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ، ޝަރީއަތުން ކަމަށެވެ.
ނަމަވެސް އެހެން ވިދާޅުވުމަށްފަހު ރައީސް ވަނީ، އެދުވަހުގެ ހާދިސާއަށްފަހު ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ”ވަގުތީ ގޮތުން“ އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން ހާލަތު މަޖުބޫރުކުރި ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑެއް ނޫން ހައްޔަރުކުރީކީ (ރައީސް މައުމޫން). ޝަރީއަތުން ހުކުމްކުރީ. އެހެންނަމަވެސް ސުޕްރީމް ކޯޓުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެސްއޯއީ އިއުލާންކުރިން. އިއުލާން ކޮށްފައި ވަގުތީ ގޮތުން އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން ހާލަތު މަޖުބޫރުކުރި. އެއީ މުޅި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު މަސައްކަތެއް،“ ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރުގައި ދިމާވި ގޮންޖެހުންތަކުގެ ތެރެއިން އެކެއް ފެބްރުއަރީގެ ހަނދާންތައް ވެސް އާކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، އެދުވަހަކީ ދުނިޔޭގެ ތާރީހުން ފިލުވައިގެންދާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ޕީޕީއެމްގެ ތެރޭގައި އުފެދުނު ”ކޯޅުންގަނޑު“ ހައްލުވެގެން ނުދިއުމުންވީ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ
”އެއީކީ އެއްވެސް ގައުމެއްގެ ރައްޔިތުން އެގައުމެއްގެ ސުޕްރީމް ކޯޓުން އެންމެ ޓޮޕް އެޕެކްސް ކޯޓުން ކަންކުރާނެ ގޮތެއް ކަމަކަށް މިހާތަނަށް ދުނިޔޭގެ ތާރީހުން ނަގައިދީފައިވާ ފިލާވަޅެއް ނޫން. އެއީ ހަމަ ދިވެހިރާއްޖޭގައި އުފެއްދި ދިވެހިރާއްޖެއަށް ފިޓް ވެގެންދިޔަ ކަމެއް،“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މައުމޫން ހައްޔަރުކުރީ އަޅުގަނޑެއް ނޫން: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ