ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދޫކޮށްފި

ސިޔާސީ ޕާޓިތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ފިޔަވާ ދެންހުރިހާ ޕާޓީ އަކަށް އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.
"ވަގުތު" އަށް މިއަދު މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ފިޔަވާ ދެން ހުރިހާ ޕާޓީ އަކަށް ދޫކޮށްފައިވާނެ ކަމަށާއި ޕީޕީއެމަށް ފައިސާ ދޫކޮށްފައި ނުވަނީ އެޕާޓީގެ އަސްލާމެދު އުފެދިފައިވާ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން ކަމަށެވެ.
ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރި އިރު އެމްޑީޕީއަށް ވަނީ 5.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ކުރިން 1.8 މިލިއަން ރުފިޔާ އެޕާޓީއަށް ދޫކޮށްފައިވެއެވެ. އެޕާޓިއަށް ދައުލަތުގެ ބަޖެޓުން 7.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.
ޕީޕީއެމަށް ދޫކުރަން ޖެހޭ 8.68 މިލިއަން ރުފިޔާ ބާކީ ދޫނުކޮށް ވަނީ ހިފަހައްޓާފައެވެ. އެޕާޓީއަށް މެއި މަހުގެ ތެރޭގައި 2.85 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެމްޑީއޭއަށް 1.99 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވެއެވެ. އެޕާޓީއަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.
ޖުމްހޫރީ ޕާޓީއަށް މިއަހަރުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ދޭން ޖެހޭއިރު، ބާކީ ނުދެވިހުރި 1.93 މިލިއަން ރުފިޔާ މިއަދު ވަނީ ދޫކޮށްފައެވެ.
ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައިވާ ގޮތުން، 10،000 މެންބަރުން ހަަމަވާ ކޮންމެ ސިޔާސީ ޕާޓީތަކަށް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ.
އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ