ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނީ ކުރިން ހައްޖު ނުވާ މީހުންނަށް

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ކުރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލުގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ތަނަވަސްކޮށް ދިނުން ކަމަށެވެ. ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ބައިވެރިންގެ ރިޓަޔަމެންޓް ސޭވިން އެކައުންޓްގައި ޖަމާކޮށްފައިވާ ފައިސާ ހައްޖުގެ އަޅުކަން އަދާކުރުމަށް ދެއްކޭނެ އިންތިޒާމު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސައި، ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅަން ވާނެ ކަމަށެވެ.
އިސްލާހުގައިވާ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އެ މީހަކީ ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވާނަމަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ސޭވިން އެކައުންޓުން ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ފައިސާގެ 50 ޕަސަންޓާ ކަމަށް އިސްލާހުގައިވެ އެވެ.
ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ޕެންޝަން އޮފީސް މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ފައިސާ އެއް ކުރުމަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން ސްކީމެއް ހިންގުމުގެ އިހްތިޔާރާއި އެފަދަ ސްކީމެއް ހިންގުމަށް އުސޫލެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ. އަދި ބިލަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އުސޫލުތައް ހާމަކުރަން ޖެހެ އެވެ.
އަސްލަމްގެ އިސްލާހުގައިވާ ގޮތުން، ގަވައިދުގައި ކޮންމެ އަހަރަކު ހައްޖުވުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނެ މީހުންގެ އަދަދާއި ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި އެ ނޫން ވެސް ކަމާ ގުޅޭ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަން ވާނެ އެވެ.
މީގެއިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި 5000ރ. ދިނުމަށް އިސްލާހު ވަނީ ހުށަހަޅައިފަ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ދެނީ 2000ރ. އެވެ. ނަމަވެސް ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ