ޕާޓީގައި 20 އަހަރު ވުމަކީ ޓިކެޓް ދޭންޖެހޭ ސަބަބެއް ނޫން: ގާސިމް

ޖުމްހޫރީ ޕާޓީގައި 20 އަހަރު ވުމަކީ އެޕާޓީއިން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ދޭ ޓިކެޓް ދޭންޖެހޭ ސަބަބެއް ނޫން ކަމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓް 36 ފަރާތަކަށް ދެއްވަމުން ޤާސިމް ވިދާޅުވީ ޕާޓީން ޓިކެޓު ދިނުމުގައި ބައްލަވާނީ އެ ދާއިރާއެއް ކާމިޔާބު ކުރެއްވޭނެ ކެންޑިޑޭޓަކަށް ކަމަށެވެ. އެ ބޭފުޅަކީ އެ ޕާޓީއަށް އިއްޔެ ވަންނަ މީހަކަށް ވުމަކީ މައްސަލައެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ވޯޓް ދިނުމުގައި ޢާންމުން ބަލަނީ މީހާއަށް ކަމަށާއި، ކޮން ޕާޓީއެއްތޯ ނުބަލާ ކަމަށެވެ. އެހެން ކަމުން ޖޭޕީ ޓިކެޓު ދިނުމުގައި އިސްކަން ދޭނީ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބޭނެ މީހަކަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އޭގެ އިތުރަށް ޤާސިމް ވިދާޅުވީ ޓިކެޓް ދޭ މީހުންގެ ތަޢްލީމާއި ތަޖުރިބާއަށްވެސް ބައްލަވާނެ ކަމަށެވެ. ޖުމްޙޫރީ ޕާޓީން ރޭގައި ވަނީ 36 ފަރާތަކަށް އެޕާޓީގެ ޓިކެޓް ދޫކޮށްފައެވެ. އޭގެ ތެރޭގައި އެޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި ގިނަ ބޭފުޅުން ހިމެނެއެވެ.
ރޭގެ ޖުމްޙޫރީ ޕާޓީން ޓިކެޓް ދެއްވި ބޭފުޅުންގެ ތެރެއިން އަލަށް އެޕާޓީއާއި ގުޅުނު ބައެއް ބޭފުޅުންގެ ތެރޭގައި ތ.ވިލުފުށީ ދާއިރާ - ރިޔާޒް ރަޝީދު، ހެންވޭރު ދެކުނު ދާއިރާ - އިރުތިޝާމް އާދަމް، ހެންވޭރު އުތުރު ދާއިރާ - އަލްހާން ފަހުމީ، ގަލޮޅު ދެކުނުދާއިރާ - ޢަބްދުﷲ ނަވާޒު ހިމެނިވަޑައިގަންނަވައެވެ.
ޖުމްޙޫރީ ޕާޓީ ޓިކެޓް ދެއްވި އެޕާޓީގައި ގިނަ ދުވަސްވީ ބޭފުޅުންގެ ތެރޭގައި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން، ތިމަރަފުށީ ދާއިރާއަށް އަބްދުﷲ ރިޔާޒު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ