ރައްޔިތުންގެ މަޖިލީޙުގެ 87 ދާއިރާއަށް ކުރިމަތިލާންޖެހުނަސް އެކަމަށް ތައްޔާރު: ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލާންޖެހުނު ނަމަވެސް، އެކަން ކުރައްވަންވެސް ތައްޔާރަށް ހުންނެވި ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލީހުގެ އިސްދޫ ދާއިރާއަށް ޖެޕީގެ ޓިކެޓްގައި ކުރިމަތިލެއްވުމަށް ނިންމަވާފައިވާ އަލީ ހަމީދުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ޤާސިމް ވިދާޅުވީ، އަލީ ހަމިދަކީ ޖޭޕީއަށް އަބަދުވެސް ވަފާތެރި ބޭފުޅެއް ކަމަށާއި، އަދި ޑިމޮކްރަސީއަށްޓަކައި ކުރާ މަސައްކަތަށްވެސް ޝުކުރު އަދާކުރައްވާ ކަަމަށެވެ.
ޤާސިމް ވިދާޅުވީ، އެޕާޓީގެ ޓިކެޓްގައި ރަސްމީ ސިފައެއްގަ ދާއިރާތަކަށް ނިކުންނަނަށް ބޭނުންވާ މީހުން ގިނަކަމަށެވެ. އަދި މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ނިކުންނަން ޖެހިވަޑައިގެންނެވިއަސް އެކަމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރަށް ޤާސިމް ވަނީ އެމަނިކުފާނުގެ ސިޔާސި މަސައްކަތްތައް ބަލިކަށިކޮށްލެއްވުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެފަދަ ނާތަހުޒީބު މަސައްކަތްތައް ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.
ޖޭޕީގެ ލީޑަރ ވިދަޅުވީ، ޖޭޕީއަށް ނިސްބަތްކޮށް ތަފާތު ވާހަކަތައް ބަޔަކު މީހުން ދައްކަމުންދަނީ ކޯލިޝަން ރޫޅާލުމަށް ކަމަށާއި، ނަމަވެސް އެކަންކުރާ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ނުވާނެކަމަށެވެ.
ޖޭޕީގެ ލީޑަރ ވިދާޅުވީ، ގައުމީ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ކާމިޔާބުވުމާއި ނުވުން އެއީ އެހެންކަމެއް ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައިވަނީ، 2019 ވަނަ އަހަރުގެ މަޖިލީހުގެ އިސްދޫ ދާއިރާއަށް ޖެޕީގެ ޓިކެޓްގައި ކުރިމަތިލައްވާ އަލީ ހަމީދަށް ތާއީދުކުރާ ގިނަ ރައްޔިތުންތަކެއްވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އަދި އެ މެމްބަރުންގެ މެމްބަރޝިޕް ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ