ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ބޮޑެތި ކިޔާނާތާއި ކޮރަޕްޝަނުގެ ފައިސާ އަނބުރާ ދައުލަތަށް ހޯދާ ދިނުމަށް އެމެރިކާ އިން އެހީވާން ތައްޔާރަށް އޮތް ކަމަށް ބުނެފި އެވެ.
އެމެރިކާގެ ލޮސް އެންޖެލިސް ޓައިމްސް ނޫހަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވަނީ، ކޮރަޕްޝަނުގެ ފައިސާ ހޯދުމަށް އެމެރިކާގެ އެހީތެރިކަމަށް އެދުމަށް ވިސްނަވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލުތަކަކަށް ވަޑައެއް ނުގަންނަވަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އެމެރިކާ އިން އިބޫގެ ސަރުކާރަށް، ކޮރަޕްޝަން ފައިސާ ހޯދުމަށް އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން އެފްބީއައި އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން އެ ފައިސާތަކަށް ވީގޮތް ހޯދުމަށް އެހީވާނެ ކަމަށް އޮފިޝަލާ ހަވާލާދީ އެ ނޫހުން ބުނެ އެވެ.
އެ ނޫހުން ބުނީ، ރާއްޖޭން ޗައިނާ އަށް ދަރާފައިވާ ވަރު ހީނުކުރާހާ ބޮޑު ކަމަށް، ޓްރާންސިޝަލަން ބައްދަލުވުންތަކުން އެއްކުރެވުނު މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ޗައިނާ އާ މަޝްވަރާ ކުރަންޖެހޭ ކަމަށް، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު އެ ނޫހަށް ވިދަޅުވެފައި ވެއެވެ.
އެގޮތުން ރާއްޖޭގައި ހިންގާފައިވާ ކަންކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ލިބޭނީ ޗައިނާގެ އެހީއާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ޗައިނާގެ އެހީއާ ނުލާ ކަންކަން ހިނގާފައިވާ ގޮތް ސީދާ ސާފުކުރުން ވަރަށް ދަތިވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ސަރުކާރަކީ މީގެ ކުރިން ރާއްޖޭގައި ނުހިންގާވަރުގެ ބޮޑެތި ކޮރަޕްޝަނާއި، ވައްކަންތައް ހިންގާފައިވާ ސަރުކާރެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.
ކޮރަޕްޝަނުގެ ފައިސާ ހޯދަން އެމެރިކާ އިން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ