ހަތް ދުވަސްތެރޭގައި މައުމޫނު ފައިސާ ނުދައްކަވައިފިނަމަ ފުލުހަށް ދާނަން: ޖާބިރު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރެއްވުމަށް ކުރެވުނު ކެމްޕޭނު ތެރޭގައި އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމު ނެންގެވި ފައިސާ ހަތް ދުވަހުގެ ތެރޭގައި ނުދައްކަވައިފިނަމަ މައްސަލަ ފުލުހަށް ހުށަހަޅަން ޔޮޓް ޓްއާސްގެ ވެރިޔާ އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ މައުމޫނު ފައިސާ ނެންގެވީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އެކަމަށް މައުމޫނު އެދިވަޑައިގެންނެވީ މެލޭޝިއާގެ ވެރިރަށް ކޯލަލަމްޕޫރުގައި ކަމަށެވެ.
"މައުމޫނާއި ފާރިސް އާއި އަޅުގަނޑު އަންހެނުންނާއި ކޯލަލަމްޕޫރުގެ ޓަބަލް ޓްރީ ހިލްޓަން ހޮޓަލުގައި މައުމޫނު ހަމަޖެއްސެވި މީޓިންގ ރޫމުގައި ބައްދަލުކުރެއްވީ. މައުމޫނު އެދިލެއްވީ 3 މިލިއަން ޑޮލަރު ދިނުމަށް. އަޅުގަނޑު ދިނީ 29 މިލިއަން ރުފިޔާ މައުމޫނު ކޮންފާމް ކޮށްދިނީމަ ފާރިސްއަށް މާލެއިން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެ ބައްދަލުވުމުގައި މައުމޫނު އެދިލެއްވީ ރައީސް ޔާމީންގެ ނުބައި ރޭވުންތަކުން ސަލާމްތްވެ، ރާއްޖެއަށް ޑިމޮކްރާސީ ގެނައުމަށް ކުރާ މަސައްކަތަށް ފައިސާ ބޭނުންވާ ކަމަށާއި ލޯނެއްގެ ގޮތުގައި ކިނބިގަސްދޮށުގެ މޯގޭޖު ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"ވިދާޅުވީ ގައުމުގެ ކަންތައްތައް ވަރަށް ސަކަރާތްކޮށޭ މިދިޔައީ. ވަރަށް ބޮޑޫ މިސްޓޭކެއް ހެދިއްޖެއޭ ޔާމީން ވެރިކަމަށް ގެނެވުނީމަ. ވަރަށް އިހާނެތިކޮށޭ ތިމަންނައާއި ދޭތެރޭވެސް އަދި ޖާބިރުއާއި ދޭތެރޭވެސް ކަންތައްތައް ކުރެއްވީ. އެހެންވީމަ މިކަމުން ސަލާމަތްވެ ރާއްޖޭގައި ޑިމޮކްރާސީ ގެނައުމަށް މަސައްކަތް ކުރަން ބޭނުންފުޅު ވާހަކަ ވިދާޅުވީ. 30 އަހަރުގެ ވެރިކަމުގެ އެއްވެސް މީހަކު ތިމަންނާއަށް އެހީއެއް ނުވިއޭ. ޖާބިރުއަށް މި ދަންނަވާލީ ތިމަންނާއަށް ފައިސާ ދޭންށޭ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިހެން ވިދާޅުވި ނަމަވެސް ރައީސް މައުމޫނުގެ އޮފީހުން ވަނީ މިކަން ދޮގު ކުރައްވާފައެވެ. ރައީސް މައުމޫނުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމަންޓްގެ ހީވާގި ޓީމަށް، ޢަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށެވެ.
ޖާބިރު ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންނެވީ ރައީސް ޔާމީނާއި އުފެދުނު ހިޔާލު ތަފާތުވުމެއްގައި އެމަނިކުފާނުގެ މުދާތައް ވިއްކާލުމަށްފަހު ހުރިހާ ދަރަނިތަކެއް ހަލާސް ކުރެއްވުމަށްފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ