ސާކް ސަމިޓުގައި ބައިވެރިވާން ސަރުކާރުން ދޭ ދައުވަތެއް ބޭނުމެއް ނޫން: މައުމޫން

އަންނަ މަހު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބާއްވާ 17 ވަނަ ސާކް ސަމިޓްގައި ބައިވެރިވާން އެދި ސަރުކާރުން ދޭ ދައުވަތެއް ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރަށާއި މެލޭޝިޔާ އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގަތުމުގެ ކުރިން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން މިއަދު ވިދާޅުވީ 1985 ވަނަ އަހަރުން ފެށިގެން އެންމެ ފަހުން ބޭއްވި ސާކް ސަމިޓްގެ ކުރިޔަށް ބޭއްވި ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ހަމައެކަނި ސިޔާސީ ލީޑަރަކީ އެމަނިކުފާނު ކަމަށެވެ. އެއީ ސާކްގެ ހުރިހާ ގައުމަކުން ބަލައިގަންނަ ހަގީގަތެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"1985 ވަނަ އަހަރުން ފެށިގެން ހުރިހާ ބައްދަލުވުމަކަށް ހާޒިރުވި ހަމަ އެކަނި ސިޔާސީ ލީޑަރަކީ މައުމޫން އަބްދުލް ގައްޔޫމް، ދިވެހިރާއްޖެގެ ރައީސުލް ޖުމްހޫރިއްޔާ. މިއީ ސާކް ގެ ހުރިހާ ގައުމުތަކުން ބަލައިގަންނަ ހަގީގަތެއް،"
~
މައުމޫން ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ހުރިހާ ގަމެއްގެ ވެރިންނާއި ރައްޔިތުން ވެސް ސާކަށް އެމަނިކުފާނު ކޮށްދެއްވެވި ހިދުމަތްތައް ވަޒަން ކުރާ ކަމަށެވެ. އަދި ވިދާޅުވީ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދެއްވާ ދައުވަތެއް ބޭނުންފުޅުނުވާ ކަމަށެވެ.
މައުމޫން އެހެން ވިދާޅުވި އިރު ފޮރިން މިނިސްޓަރު އަހުމަދު ނަސީމް މިމަހުގެ 22 ވަނަ ދުވަހު އެމްއެންބީސީ ވަން އަށް ދެއްވި އިންޓަވިއުއެއްގައި 17 ވަނަ ސާކް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް މައުމޫނަށް ދައުވަތު ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ދާ ކޮންމެ ގައުމަކުން، އެގައުމެއްގެ ވެރިންނާއި ރައްޔިތުން އެބަ ގަދަރު ކުރޭ، އެބަ ވަޒަން ކުރޭ އަޅުގަނޑު ސާކަށްޓަކައި ކޮށްދީފައިވާ ހިދުމަތްތައް. އެހެންވީމަ އެކަހަލަ ބޭފުޅަކު [ފޮރިން މިނިސްޓަރު] އެހެން ވިދާޅުވިޔަސް އަޅުގަނޑަކަށް އެއިން އެއްވެސް އުނިކަމެއް ނާންނާނެ. އަދި އެބޭފުޅާއަކަށް ހައްގެއް ނޯންނާނެ އަޅުގަނޑަށް ދައުވަތު ދެއްވާކަށް. އަޅުގަނޑަކީ 30 އަހަރު ވަންދެން މިގައުމުގައި ވެރިކަން ކުރި މީހެއް، އަދި ސާކް ގެ ބާނީ އެއް. އެހެންވީމަ އެއީ ކާކުތޯ އަޅުގަނޑަށް ދައުވަތު ދޭން. އަޅުގަނޑު އޭނަގެ ދައުވަތެއް ބޭނުމެއް ވެސް ނޫން،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން މިއަދު ފުރާ ވަޑައިގެންނެވިއިރު އަރިހުގައި އަނބިކަނބަލުން ނަސްރީނާ ވެސް ބައިވެރިވެ ވަޑައިގަތެވެ. މިއަދު ފެއްޓެވި ދަތުރުފުޅާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އެ ދަތުރުފުޅަކީ އަނބިކަނބަލުންގެ ސިއްހީ ފަރުވާއަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ