ހުސައިން މުހައްމަދު މަނިކު މިނިވަންވި ހުކުމުގެ އިސްތިއުނާފު: ކުށް ސާބިތު ނުވާ ކަމަށް ހުކުމްކުރީ ގާނޫނީ ހަމަތަކާ ހިލާފަށް: ޕީޖީގެ ވަކީލު

މަސްތުވާތަކެތީ ބޮޑެއް ކަމަށް ބުނެ ހ. ރެހި، ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް އެ ހުކުމް ހައިކޯޓުގެ އިސްތިއުނާފުކޮށް، މިއަދު ޝަރީއަތް ފެށުމުން ޕްރެސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ހުސެއިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށް މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވުމުން ޕީޖީއިން ދައުވާ ހުށަހެޅުއްވެވި ގާނޫނީ ވަކީލު، އަދި ޑެޕިޔުޓީ ޕްރޮސިކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި "ޖިނާއީ ކޯޓުން ހުކުމް ކުރައްވާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ޚިލާފަށް" ކަމަށެވެ.
އެ މައްސަލައިގައި ހެކީންގެ ގޮތުގައި ހުސެއިން މުހައްމަދު މަނިކު ހުށަހެޅި ތިން ހެކީންނަކީ ވެސް މަސްތުވާތަކެއްޗާއި، ވައްކަމާއި، މާރާމާރީ ފަދަ މައްސަލަތައް ސާބިތުވެފައިވާ މީހުންކަމަށް ވާތީ އެފަދަ ބަޔަކު ހެކީންގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ދެވިގެންނުވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މައްސަލަ ނިންމެވިއިރު ހުސެއިން މުހައްމަދު މަނިކު ހުށަހެޅި ހެކީންނަކީ ކޮންކަހަލަ ހެކިންނެއްތޯ ދިރާސާ ކުރުމުގެ ފުރުސަތު ގާޒީ ދައުލަތުގެ ވަކީލަށް ދެއްވާފައިނުވާކަމަށެވެ.
ޝަމީމްގެ ވާހަކަތަކަށް ރައްދުދެއްވަމުން ހުސެއިން މުހައްމަދު މަނިކުގެ ވަކީލު އަލީ ޝާހު ވިދާޅުވީ ހެކީންގެ ކުށާ ބެހޭގޮތުން ދިރާސާ ކުރުމަކީ އޮންނަކަމެއް ނޫން ކަމަށެވެ. ކުރީގެ ޖިނާއީކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ހުކުމެއްކަމަށް ވެސް ވިދާޅުވި އެވެ. ވަކީލު ޝާހާއެކު ކޯޓުގައި ހުސައިން މުހައްމަދު މަނިކު އިން ނަމަވެސް އޭނާ އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.
މި މައްސަލައިގެ އަޑުއެހުން ނިންމަވާ ލައްވަމުން ހައިކޯޓުގެ ގާޒީ ޔޫސުފު ހުސެއިން މިއަދު ވިދާޅުވީ ދެން އަޑު އެހުމެއް ބާއްވާނީ އިތުރު ކަމެއް ސާފު ކުރަންޖެހިއްޖެނަމަ ކަމަށެވެ. ހަސްމުންގެ ފަރާތުން އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ ހައްޔަރުކޮށް ތަހުގީގު ކުރުމަށް ފަހު ހުސެއިން މުހައްމަދުގެ މައްޗަށް ޝަރީއަތް ހިންގައި ކުށް ސާބިތު ނުވާ ކަމަށް އިއްވި ހުކުމުގައި ގާޒީ ވިދާޅުވީ، މައްސަލަ ދިރާސާ ކުރެއްވި އިރު ދައުލަތުން ހުށަހެޅި ހެކީގައި ޝައްކު އުފެދޭ ކަމަށެވެ. އަދި ކުށް ސާބިތު ކުރެވޭ ވަރަށް ދައުލަތުން ހެކި ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރީ އޯގަސްޓް 17، 2010 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ