އެންދެރިމާގެއަށް ގެއްލުންދިނީ އެމްޑީޕީ ނަމުގައި އޮވެ، ސަރުކާރުން: މައުމޫން

އެމްޑީޕީން އިސްނަގައިގެން މިއަދު ކުރި މުޒާހަރާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، އެންދެރިމާގެ އަށް ގެއްލުންދީ ހިންގި އަމަލުތަކަކީ އެމްޑީޕީ ނަމުގައި އޮވެ، ސަރުކާރުން ސީދާ ކުރުވި ކަމެއް ކަމަށް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ދިޓީވީ އަށް މިއަދު ހަވީރު ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ އާއިލާ އަށާއި އަދި ގެދޮރަށް ހަމަލަދިނުމަށް މީހުން ފޮނުވަނީ ސަރުކާރުން ކަމަށެވެ. އެގޮތުން މިއަދު އެންދެރިމާގޭ ކައިރީގައި ހިންގި ހަމަނުޖެހުންތަކުގައި އެމަނިކުފާނުގެ ގެކޮޅަށް ހަމަލަދިނީ "އެމްޑީޕީ ނަމުގައި އޮވެ، ސަރުކާރުން" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އެ ހަމަލާތައް ދިން އިރު އެމަނިކުފާނުގެ ހިމާޔަތަށް އެއްވެސް ފުލުހެއް، އަދި ސިފައިންގެ މީހެއް ނާންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
~
"ފުލުހެއް، ސިފައިންގެ މީހެއް އަޅުގަނޑުގެ ހިމާޔަތަކަށް ނާދޭ. އެހެންވީމާ މިއީ ހަމަ ސަރުކާރުން ކުރުވި ކަމެއް،" ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް(ގެ އިންތިގާލީ ރައީސް ވިދާޅުވި އެވެ.
އެ ހަމަލާތަކުގައި އެމަނިކުފާނުގެ ގޯތިގެދޮރަށް ގާއުކައި، ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި އަދި އާއިލާ ބޭފުޅެއްގެ ކާރަށް ވެސް ގެއްލުންދީފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެގެއްލުންތަކުގެ ޒިންމާ ޒާތީ ގޮތުން ނަންގަވަން ޖެހޭނީ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި އަދި ޗީފް އޮފް ޑިފެންސް ފޯސް، މޫސާ އަލީ ޖަލީލް ކަމަށް ވިދާޅުވެ، އެދެބޭފުޅުންނަށް މެސެޖް ފޮނުއްވާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެބޭފުޅުން އަޅުގަނޑަށް ވެސް، އަޅުގަނޑުގެ އާއިލާއަށް ވެސް އަޅުގަނޑުގެ އަވަށްޓެރިންނަށް ވެސް ހިމާޔަތްނުދެއްވީތީ، އެދެބޭފުޅުން ސީދާ މިކަމުގައި ޒިންމާ ނަންގަވަން ޖެހޭނެ. އަދި ސަރުކާރުން ވެސް ]ޒިންމާ[ ނަންގަވަން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
"ދިވެހި ރައްޔިތަކަށް ވެސް މިހެން ދިމާވެގެން ނުވާނެ. އަދި އަމުދުން ކުރީގެ ރައީސަށް ގާނޫނު އަސާސީން އެ ހިމާޔަތް ލިބިދީފައި އޮއްވައި އަދި އޭގެ އިތުރުން އޭގެ މައްޗަށް ބިނާކުރާ ގާނޫނަކުން ހިމާޔަތް ލިބިދީފަ އޮއްވައި މިހެން ކަން ހިނގައިގެން ނުވާނެ. އެހެންވެ، އެކަން ރަނގަޅަށް ޖެހޭނެ ބަލަން. ސަރުކާރުން ވެސް ބަލަން ޖެހޭނެ. ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ޖެހޭނެ. މިނިވަން މުއައްސަސާތަކުން ވެސް، ޖުޑީޝަރީންވެސް ބަލަން ޖެހޭނެ. އަދި މިކަމުގައި ކުށްވެރިވާ ބަޔަކަށް އަދަބުވެސް ދެވެން ޖެހޭނެ،" ރާއްޖޭގެ 30 އަހަރު ރައީސްކަން ކުރެއްވި މައުމޫން އިތުރަށް ވިދާޅުވި އެވެ.
މިއަދު އެމަނިކުފާނުގެ ގޯތިގެދޮރަށް ލިބުނު ގެއްލުންތަކުގެ ވާހަކަ ބޭރު ގައުމުތަކަށް އަންގަވާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ސަރުކާރަށް ދެއްވި އެވެ.
ސުޕްރީމް ކޯޓު ކައިރީ ކުރި މުޒާހަރާއާ ގުޅޭ ގޮތުން ކުރީގެ ރައީސް ވިދާޅުވީ، އެކަމަކީ ސަރުކާރުން ޝަރުއީ ދާއިރާ އަށް ބިރު ދެއްކުމަށް ކުރި ކަމެއް ކަމަށެވެ. އަދި އެފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅައި، ވަގުތުން ހުކުމް ވެސް އިއްވަން ޖެހޭ އިރު، ސުޕްރީމް ކޯޓުން އެކަން ކުރަން ފަސް ޖެހުނީ ބިރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމު އެ ބޭފުޅުން ނުކުރައްވާ. ބިރުން އެ ތިއްބަވަނީ. މިއީ ބިރު ދެއްކުމުގެ ސަރުކާރެއް. އެންމެންނަށް ބިރު ދައްކަނީ. މިނިވަން މުއައްސަސާތަކަށް. ޝަރުއީ ދާއިރާއަށް. އަމިއްލަ މީހުންނަށް. އާއިލާތަކަށް. ދިވެހި ރައްޔިތުންނަށް ބިރު ދައްކައިގެން މިއުޅެނީ. އެއްވެސް މީހަކަށް އެމީހެއްގެ އަމިއްލަ ނަފުސުގެ ސަލާމަތްކަމެއް މިހާރަކު ނެތް." މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ