ބޭރުގެ 40 ހަކަށް ވޮލަންޓިއާ ޓީޗަރުން ރާއްޖޭގައި ކިޔަވައިދޭން ފަށައިފި

އިންޓަނޭޝަނަލް ވޮލަންޓިއާ ޕްރޮގްރާމް (އައިވީޕީ) ގެ ދަށުން މިދިޔަ ހަފުތާގައި 40 ހަކަށް ޓީޗަރުން ރާއްޖެ އައިސް ބައެއް ރަށްރަށުގައި ކިޔަވައިދޭން ފަށައިފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޓީޗަރުންނަށް ރާއްޖޭގެ އާދަކާދަ އާއި ސަގާފަތުގެ އިތުރަށް ދީނާއި ސިއްހީ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކ. ދިއްފުށީގައި ދެ ދުވަހުގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އަދި ހުރިހާ ޓީޗަރުން ވެސް ކަނޑައެޅިފައިވާ ރަށްތަކަށް މިހާރު ފޮނުވާފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖެ އައި 40 ހަކަށް ޓީޗަރުންގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ، ޗައިނާ، ލަންކާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ކަމަށެވެ.
މޯލްޑިވްސް ވޮލަންޓިއާސް ކޯ (އެމްވައިސީ) ގެ ބައިނަލްއަގްވާމީ ގޮފި އައިވީޕީ އާއި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ރާއްޖެ އައި ޓީޗަރުން މަސައްކަތްކުރަނީ ހއ. ދިއްދު އާއި ހއ. އިހަވަންދު އާއި ހދ. ކުޅުދުއްފުށްޓާއި ރ. ދުވާފަރާއި ވިލިމާލެ އާއި ލ. ގަން އަދި ގއ. މާމެންދޫގަ އެވެ. މިރަށްތަކަށް ޓީޗަރުން ހަމަޖެއްސީ ކޮން ގޮތަކަށް ބަލާފައި ކަމެއް އެޑިޔުކޭޝަނަކުން ނުބުނެ އެވެ. އަދި އެ ޓީޗަރުން ކިޔަވައިދޭނެ މާއްދާތަކުގެ ތަފުސީލެއް ވެސް އެ މިނިސްޓްރީއަކުން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ