ސަރުކާރުން ހުށަހެޅި މައްސަލަ ނިމެންދެން ސަބްސިޑީތައް ދެމުން ގެންދެވޭނެ: ސުޕްރީމް ކޯޓް

މާލިއްޔަތުގެ ގާނޫނަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ވެސް ދައުލަތުން މިހާރު ދޭ ސަބްސިޑީ ފަދަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތިދުވަހު ބުނެފި އެވެ.
އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށި އިރު، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އާންމުކޮށް ދެމުން އައި ލުޔެއް ނުވަތަ މަންފާއެއް ނުވަތަ ސަބްސިޑީ ފަދަ ހިދުމަތްތަކުގެ ތެރެއިން، އެ އިސްލާހުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، އެފަދަ ހިދުމަތެއް ދެވޭނީ އެކަމަށްޓަކައި ކަނޑައެޅޭ ގާނޫނެއްގެ ދަށުން ކަމަށް މާލިއްޔަތުގެ ގާނޫނުގެ އިސްލާހުގައި ބުނެފައިވާ ކަންތައްތަކަށް، އެ އިސްލާހުގައި ބުނެފައިވާ ގާނޫނު ނުވަތަ ގާނޫނުތައް ފާސްވުމުގެ ކުރިން ހުއްޓުމެއް އައުމަކީ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން އިޖްތިމާއީ ރައްކާތެރިކަން ދޭން ޖެހިފައިވާ ބަޔަކަށް ކުރީއްސުރެ ދެމުން އައި އިނާޔަތްތަކާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެ ކަމަކަށް ވާތީ، މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި އިރު، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދެމުން އައިސްފައިވާ ލުޔާއި މަންފާ އާއި ސަބްސިޑީ ފަދަ ހިދުމަތްތައް، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ހިދުމަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވިދާނެ ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ ކަމަށެވެ.
ރައީސް ތަސްދީގުކުރުން ލާޒިމްވާ ގޮތަށް ފާސްކުރި މާލިއްޔަތުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މުހަންމަދު ނަޝީދު ތަސްދީގުކުރެއްވީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އެ ބިލް ރައީސް ތަސްދީގުކުރެއްވީ، އިންސާނީ ބާރު ނުފޯރާ ފަދަ، އިހްތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްވެގެން ފޮނުވާ ބިލުތައް ލަސްކުރުމަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނެ ކަމަށް ސުޕްރީމް ކޯޓުން ޑިސެމްބަރު 9 ގައި ހުކުމް ކުރުމުންނެވެ.
މާލިއްޔަތު ގާނޫނުގެ އިސްލާހު ތަސްދީގުކުރެއްވުމަށް ފަހު ސަރުކާރުން ވަނީ އެ ގާނޫނުގެ ހަތަރު މާއްދާއެއް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެ މައްސަލައާ އެކު، މާލިއްޔަތުގެ ގާނޫނަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިވަޑައިގެންފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ