ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަމަލުކުރި ގޮތުގައި ގާނޫނީ އަދި އުސޫލީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމަށް ފަހު އެ ކޯޓުގައި މިއަދު ފުރަތަމަ އަޑުއެހުން ބާއްވައިފި އެވެ.
ޖޭއެސްސީގެ ރައީސްގެ ގޮތުގައި ހުންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ނުހިމެނޭ ގޮތަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން، އަބްދުﷲ އަރީފް، އަލީ ހަމީދު މުހައްމަދު، ޑރ. އަހްމަދު އަބްދުﷲ ދީދީ އަދި އަހްމަދު މުއުތަސިމް އަދުނާން ބައްލަވާ މި މައްސަލައިގެ އަޑުއެހުން ފެށުމާ އެކު ބާރީ ވަނީ އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިވިލް ކޯޓުގައި އޮތް މައްސަލަ ސުޕްރީމް ކޯޓަށް ގެނެސް ބަލަން ފެށުމުން ބާރީ އަށް އިސްތިއުނާފްގެ ހައްގު ގެއްލިގެންދާ ކަމަށް ބާރީ ވިދާޅުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމާ ޗެލެންޖް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ސިންގާ އާއި ބަކަރީގެ ވާހަކައިގައި ކަންތައްވާ ގޮތަށް" ވުމަށް ނޭދޭ ކަމަށް ވިދާޅުވެ ބާރީ ވާހަކަ ދެއްކެވުމާ އެކު އުއްތަމަ ފަނޑިޔާރު ވަނީ ދަށު ދަރަޖައިގެ މާނަ ދޭހަވާ ފަދަ އިބާރާތްތައް ޝަރީއަތުގެ މަޖިލީހުގައި ބޭނުން ނުކުރެއްވުމަށާއި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް އަންގަވައިފަ އެވެ. އަދި ބާރީ އަށް އެކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން ބާރީ ވަނީ އެހެން އިބާރާތެއް ބޭނުންކުރެވޭތޯ ދިރާސާކުރެއްވި ކަމަށާއި އެކަމަކު ދިވެހި ބަހުން އެ ނޫން އިބާރާތެއް ވިސްނިވަޑައިނުގެން ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލައާ ބެހޭ ގޮތުން ސިވިލް ކޯޓަށް ދިން ބަޔާންތައް ފިޔަވައި ދެން އިތުރަށް ދައްކާވާނެ ވާހަކައެއް ނެތް ކަމަށް ވިދާޅުވެ ޝަރީއަތުން ގޮތެއް ނިންމެވުމަށް އެދިވަޑައިގަތެވެ.
ދައުވާ ލިބޭ ޖޭއެސްސީން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމުން ޖޭއެސްސީގެ ނާއިބު ރައީސް އަފްރާޝީމް އަލީ ވަނީ ކޮމިޝަންގެ ފަރާތުން ވާހަކަ ދެއްކުމަށް ކަނޑައެޅި ބޭފުޅެއްގެ ހައިސިއްޔަތުން ދައުވާ އަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރުން ކަނޑައެޅުމުގައި ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ހިލާފް އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މާކްސްގައި އަންހެނަކާއި ފިރިހެނަކު ހަމަހަމަ ވެއްޖެ ނަމަ އަންހެނަކަށް އިސްކަން ދޭންވާނެ ކަމަށް ބުނާތީ އެކަން ބާރީގެ ދައުވާގައި ފާހަގަކޮށްފައި ވާތީ އަފްރާޝީމް ވިދާޅުވީ އެއީ ވޯޓަށް އެހުމުގައި އިސްކަންދޭ ވާހަކަ ކަމަށާއި އަންހެނަކަށް ވީތީ މާކްސް އިތުރު ނުވާނެ ކަމަށެވެ. އަދި ގާޒީކަން ކުރުމަކީ ފިރިހެނުންނަށް އެކަނި އޮތް ކަމެއް ނޫން ކަމަށާއި ރާއްޖޭގައި ފަނޑިޔާރުންގެ ތެރޭގައި"އައިބުވާ ވަރަށް އަންހެނުން މަދު" ކަމަށް ވިދާޅުވި އެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ވޯޓަށް އެހުމުގައި އަންހެނުންނަށް އިސްކަން ދިނުމަކީ ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުންނާއި އިޖުތިމާއީ އަދާލާތުގެ ގޮތުން ވެސް ރަނގަޅު ކަމެއްގެ ގޮތުގައި އަފްރާޝީމް ފާހަގަކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ "ރަހަ ތަފާތުކޮށްލުމަކީ" ނެތް ކަމެއް ނޫން ކަމަށެވެ. އަފްރާޝީމް ވިދާޅުވީ ވޯޓަށް އެހުމުގައި އަންހެނަކަށް އިސްކަން ދޭން ކަނޑައަޅާފައި އޮތް ނަމަވެސް އެކަން ކުރަންޖެހޭ ހާލަތު މެދުވެރިނުވާ ކަމަށާއި އެހެންވެ ބާތިލް ވާނީ އަމަލެއް ކުރި ނަމަ އެ ކުރި މިންވަރެއް ކަމަށެވެ. ރައްދުގައި ބާރީ ވިދާޅުވީ ޒިނޭ ހަރާމްކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ދަރިފަސްކޮޅު އޮޅުންބޮޅުން ވެގެން ދިޔަ ނުދީ ހިމާޔަތްކުރުން ކަމަށާއި އެކަމަކު ދަރިން ނުލިބޭ ގޮތަކަށް ވެސް ޒިނޭކުރުން ހުއްދަ ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އަފްރާޝީމް ބައިކޮޅަށް ގޯލް ޖައްސަވައިފި ކަމަށެވެ. ބާރީގެ ފުރުސަތުގައި އޭނާ ވަނީ ގާނޫނީ ދާއިރާ އިން ޑިގްރީއެއް އޮންނަ މީހުންނަށް 35 މާކްސް އަދި ގާނޫނާއި ޝަރީއާ އިން ޑިގްރީ އޮންނަ މީހުންނަށް 37 ޕޮއިންޓް ދޭން ޖޭއެސްސީން ކަނޑައަޅާފައި ވިޔަސް ގާނޫނީ ޑިގްރީ އެކަނި އޮތް ފަރާތްތަކަށް ވެސް 37 މާކްސް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަފްރާޝީމް ވިދާޅުވީ އެހެން ވެފައި އެ އޮތީ ގާނޫނީ ދާއިރާ އިން އެކަނި ކިޔެވި ނަމަވެސް ބައެއް ތަންތަނުގައި ޝަރީއާގެ މާއްދާތައް ވެސް އެކަށީގެންވާ ވަރަށް ކިޔަވައިދޭތީ ކަމަށެވެ. އަދި ހުރިހާ ކެންޑިޑޭޓުންގެ ވެސް ޓްރާންސްކްރިޕްޓް ބެލި ކަމަށާއި އެކަން ދެނެގަތީ އެގޮތަށް ކަމަށް ވިދާޅުވި އެވެ. އަދި ގާނޫނީ ޑިގްރީއަކަށް އެކަނި 37 ޕޮއިންޓް ދީފައިވާ ނަމަ ދިނީ ކޮން ޔުނިވަސިޓީއަކުން ކިޔެވި ކެންޑިޑޭޓަކަށްތޯ ފަނޑިޔާރުން ސުވާލުކުރެއްވުމުން އަފްރާޝީމް ވިދާޅުވީ އެއީ އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ ކަމަށެވެ.
މިސާލަކަށް ފެކަލްޓީ އޮފް އިންޖިނިއަރިން ކިޔަވާ މީހަކު ޑިގްރީ ހޯދާއިރު އޭނާ ވެސް ޝަރީއާގެ މާއްދާތައް ކިޔަވާފައި ހުރި ނަމަ އެއީ ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތް ކަމަށް ބެލެވުންތޯ ސުވާލުކުރުން އަފްރާޝީމް ވަނީ އެ ހާލަތު ތަފާތު ކަމަށް ވިދާޅުވެފަ އެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔަ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ވަނީ ވޯޓަށް އެހުމުގައި އަންހެނުންނަށް އިސްކަން ދިނުމަށާއި ފަނޑިޔާރުންގެ ތެރޭގައި އަންހެނުން މަދުވުމުން އެކަމަށް ބެލުމަށް ޖޭއެސްސީން ނިންމީ ގާނޫނީ ގޮތުން އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތުތަކެއް ހުރުމުން ކަމަށް އިހްސާސްކުރެއްވޭތީތޯ ސުވާލުކުރައްވައިފަ އެވެ. އަދި އަންހެން ފަނޑިޔާރުން މަދުވުމުން އެކަމާ ފިޔަވަޅު އެޅުމަކީ ޖޭއެސްސީގެ ޒިންމާއެއްތޯ ސުވާލުކުރުން އަފްރާޝީމް ވަނީ އެގޮތަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މާކްސްގެ ގޮތުން އަންހެނަކާއި ފިރިހެނަކު ހަމަހަމަވެއްޖެ ނަމަ ކަންކުރާނެ ގޮތް ކަނޑައެޅި އިރު ފިރިހެނަކާ ފިރިހެނަކު އެއްވަރު ވުމުން އަދި ގާޒީކަން ކުރައްވަމުން އަންނަ ބޭފުޅަކާއި ގާޒީކަން ނުކުރައްވާ ބޭފުޅަކު އެއްވަރުވުމުން ހަދާނެ ގޮތެއް ކަނޑަނޭޅީ ކީއްތެވޯ ސުވާލުކުރެއްވި އެވެ. އަދި ހަޔަ ޖުޑީޝަރީއަށް މީހުން ހޮވުމުގައި އެހެން ގައުމުތަކުގައި ކަންކުރާ ގޮތް ބެލިތޯ ވެސް ފަނޑިޔާރުން ސުވާލުކުރެއްވި އެވެ. ހައި ކޯޓަކީ ޓްރަޔަލް ކޯޓެއް ނޫން ކަމަށާއި އެޕީލް ކޯޓެއް ކަމަށް ވުމުން ސިޓިން ޖަޖުން ނުވަތަ ފަނޑިޔާރުކަމުގައި ތިއްބެވި ބޭފުޅުންނަށް އިސްކަން ނުދެއްވަންތޯ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސުވާލުކުރެއްވި އެވެ. ނަމަވެސް މިއިން އެއްވެސް ސުވާލަކަށް އަފްރާޝީމް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ޖުމުލަ ގޮތެއްގައި ވިދާޅުވީ އެ ކަންކަމަށް ބަލާފައި ވާނެ ކަމަށެވެ.
ފަނޑިޔާރުން ހޮވުމަށް ޖޭއެސްސީން ކަނޑައެޅި އުސޫލުތައް ބާތިލް ކަމަށް ކަނޑައެޅުމަށް ބާރީ ދައުވާކުރެއްވި ނަމަވެސް އޭނާ ހުށަހަޅުއްވަނީ ބާރުގަދަ ދަލީލުތަކެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމައިދެއްވުމަށް ޖޭއެސްސީގެ ފަރާތުން އަފްރާޝީމް އެދިވަޑައިގަތެވެ.
ޖޭއެސްސީން މިހާރު ހޮވާފައިވާ ފަސް ފަނޑިޔާރުންގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަންހެން ބޭފުޅަކު ވެސް ހިމެނިވަޑައިގަނެ އެވެ. ޑރ. އަޒްމިރާލްދާ ޒާހިރަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހައި ކޯޓުގެ ބެންޗަށް ހޮވި އަންހެން ފަނޑިޔާރެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިން ރާއްޖޭގެ ދެ ވަނަ އަށް އެންމެ މަތީ ކޯޓުގެ ބެންޗަށް ޖޭއެސްސީން ހޮވާފައިވަނީ ޑރ. އަޒްމިރާލްދާގެ އިތުރުން ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އަބްދުއްރައޫފު އިބްރާހީމް އާއި އައްބާސް ޝަރީފް އަދި އަލީ ސަމީރެވެ.
ހައި ކޯޓަށް ފަނޑިޔާރުން ނެގި ގޮތުގެ މައްސަލާގައި ސުޕްރީމް ކޯޓުން ޖޭއެސްސީއާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ