ރިޔާސީ އިންތިހާބަށް އަންނިގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އަންނި އަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ބުދަ ދުވަހު ހުށަހެޅުއްވި ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގްގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ މެމްބަރު މޫސާ އަންވަރު ބުރާސްފަތި ދުވަހު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާކަން ބުރާސްފަތި ދުވަހު އަންގައިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ މައިގަނޑު މައްސަލަ އަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބުނާ ޝަރުތު އަންނި ހަމަނުވުން. އެ ޝަރުތު ހަމަނުވާ ކަމަށް ވަނީ އަންނިއަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވިގެންނުވާނެ،" ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މޫސާ އަންވަރު ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުވެލޭނެ ކަމަށެވެ.
އަންވަރު ވިދާޅުވީ އަންނިގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެއްގޮތަކަށް ވެސް އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެއީ އޭނާ އަމިއްލަ ހައިސިއްޔަތުން ކުރެއްވި ކަމެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަންނި އަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބުނެ މޫސާ އަންވަރު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބުދަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އިސް ބައެއް ވެރިން ވަނީ އޭނާ ހާޒިރުކޮށް ވާހަކަ ދައްކަވައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަހުމަދު ސަމީރު ބުރާސްފަތި ދުވަހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން، ވަކި ކެންޑިޑޭޓަކަށް އިންތިހާބަށް ކުރިމަތިނުލެއްވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަންވަރު އެ ގޮތަށް ކަންތައްތައް ކުރެއްވުމުން ޕާޓީގެ ގައުމީ ހިންގާ ކޮމެޓީއަށް މައްސަލަ ގެންގޮސް އޭނާއާ މެދު ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ.
"އެކަހަލަ ކަމެއް އޭނާ (އަންވަރު) ކުރަން އުޅޭކަން އެނގިގެން ކުރިން އަޅުގަނޑުމެން ވާނީ އޭނާއަށް ނަސޭހަތްތެރިވެފައި. އެގޮތަށް ނަސޭހަތްތެރިވެފައި ވަނިކޮށް އޭނާ އެ މައްސަލަ އިއްޔެ (ބުދަ ދުވަސް) ހުށަހެޅީ. ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އެހެން ކެންޑިޑޭޓަކަށް ކުރިމަތިނުލެވޭނެ ކަމަށް ބުނެ މިފަދަ މައްސަލައެއް ހުށަހެޅުމަކީ ޕާޓީ ބަދުނާމުވާނެ ކަމެއް. އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުމަކީ ހުރިހާ ކެންޑިޑޭޓުންނާ ވެސް ވާދަކޮށް އިންތިހާބުކުރުން. ޕާޓީއަކުން ބޭނުމެއްނުވޭ ވަކި މީހަކަށް ކުރިމަތިނުލެވޭނެ ކަމުގެ ދައުވާއެއް ކުރާކަށް. މި މައްސަލައިގައި ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައި އޭނާއާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނިގެ މައްސަލަ އަނބުރާ ގެނައުމަށް ބުދަ ދުވަހުގެ ރޭ ޕާޓީން އެދުނު ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރަށް ކެމްޕެއިން ކުރެއްވި މޫސާ އަންވަރު ވިދާޅުވީ އަންނިގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވާތީ އެ މައްސަލަ އަނބުރާ ގެންނެވުމުގެ ވިސްނެވުމެއް ނެތް ކަމަށެވެ.
އަންނިގެ އިތުރުން ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށް ބުނާ ދައުވާއެއް މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުން އެބަދެ އެވެ. އެއީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް (އިބުރާ) ގެ އެސްއެލްޕީން ހުށަހެޅި ދައުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ