އުމަރު ޑީއާރުޕީން ވަކިކުރަން ނިންމި ނިންމުން ގަބޫލެއް ނުކުރަން: މައުމޫން

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރަން ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ޑީއާރުޕީން ވަކި ކުރުމަށް އެ ކޮމެޓީން މިއަދު ނިންމުމާ ގުޅިގެން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މެދުވެރި ކުރައްވައި މީޑިއާއަށް ދެއްވި ސްޓޭޓްމަންޓެއްގައި މައުމޫން ވިދާޅުވީ "ކޮމެޓީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން" ކަމަށެވެ.
މައުމޫނާ ހަވާލާ ދެއްވައި ޔުމްނާ ވިދާޅުވީ ޑެޕިއުޓީ ލީޑަރަކު ޕާޓީން ވަކި ކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއަކަށް ގަރާރެއް ހުށަހަޅައި އެ ޖަލްސާގެ ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ކަމަށެވެ.
"އެހެންވީމަ ޒައީމް ގަބޫލުފުޅު ކުރައްވާ ގޮތުގައި މިއަދުގެ ކޮމެޓީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން،" މައުމޫން ދިރިއުޅުއްވާ އަލިވާގޭގައި ބޭއްވި މީޑިއާ ބްރީފިންގައި ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިސިޕްލިނަރީ ކޮމެޓީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު އުމަރު ޕާޓީން ވަކިކުރުމަށް ވޯޓު ދެއްވާފައި ވަނީ އަސާސީ ގަވާއިދާ ވެސް ހިލާފަށް ކަމަށް މައުމޫން ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަދި ޒައީމް ގޮވާލައްވާ ޕާޓީގެ ކައުންސިލަށާއި ޕާޓީގެ ލީޑަރަށާއި ޕާޓީގެ އެންމެހާ ގުނަންތަކަށް ގަވާއިދާ އެއްގޮތަށް، އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް. އަދި ޒައީމް ޕާޓީގެ އެންމެހާ އާންމު މެމްބަރުންނަށާއި ޕާޓީގެ އެންމެހާ ހަރަކާތްތެރިވާ އެކްޓިވިސްޓުންނަށާއި ހުރިހާ މެމްބަރުންނަށް ގޮވާލައްވާ ޕާޓީގެ އެއްބައިވަންތަކަން ދަމަހައްޓައި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އަޒުމާއެކީގައި މަސައްކަތްކޮށް މި އިންތިހާބު ކާމިޔާބު ކުރުމަށް،" މިވަގުތު މެލޭޝިޔާގައި ހުންނެވި މައުމޫނާ ހަވާލާ ދެއްވައި ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫން ގަބޫލުފުޅު ކުރައްވާ ގޮތުގައި އުމަރަކީ އަދިވެސް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ނުބޭއްވުމަށް އުމަރުގެ ކިބައިން އެދިވަޑައިގެންނެވުމުން އެކަން ކުރެއްވުމަށް އުޅުއްވުމުން އޭނާގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވީ ކައުންސިލުން ފާސްކޮށްގެންނެވެ. އޭރު ވެސް އުމަރު ވިދާޅުވަމުން ގެންދެވީ ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުން ވަކި ކުރެވޭނީ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްއިން ކަމަށެވެ.
ޑިސިޕްލިނަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އުމަރު ޕާޓީން ވަކި ކުރުމަށް ވޯޓު ދެއްވީ އެ ކޮމެޓީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެކެވެ. ވޯޓު ނުދެއްވާ އިންނެވި ހަމައެކަނި ބޭފުޅަކީ މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމެވެ. އަނެއް ހަތަރު ބޭފުޅުން ކަމަށްވާ އަބްދުﷲ ލަތީފާއި ޝާހު އިސްމާއީލާއި އަހުމަދު ނިޔާޒް އަދި އަހުމަދު ޝަރީފު (އީގަލް ޝަރީފު) ވަނީ އުމަރާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ.
ނަދީމް މިއަދު ވިދާޅުވީ ޕާޓީން އުމަރު ވަކިކުރަން ނިންމާފައި ވަނީ ހަމައެކަނި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ރަޝީދު ނާފިޒް ދެއްވި މައުލޫމާތުތަކަށް ބުރަވެ ކމަށެވެ. އަދި އުމަރުގެ އިތުރުން އަނެއް ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދުގެ ބަހެއް ހޯއްދެވުމަށް ކޮމެޓީގައި އޭނާ އެދިވަޑައިގަތުމުން އެކަން ވެސް ކުރައްވާފައި ނެތްކަން ނަދީމް ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ އުމަރު ޕާޓީން ވަކިކުރަން ކޮމެޓީން ނިންމާފައި ވަނީ ބަލަންވާ ވަރަށް ނުބަލައި ޒިންމާދާރުކަން ކުޑަގޮތަކަސް އަދި ޕާޓީގެ އަސާސީ ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ.
ސެޕްޓެމްބަރު މަހު ބާއްވަން އުޅުނު މުޒާހަރާ ރޭވުމުގައި އިސްކޮށް ތިއްބެވީ އުމަރާއި އިލްހާމެވެ. އެ ގޮތުން އެ މުޒާހަރާއާ ގުޅޭ ގޮތުން ބަޔާންތައް ނެރުއްވީ ވެސް އެ ދެ ބޭފުޅުން ސޮއިކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ