މުސާރަ ނުލިބިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް މާލޭގައި މުޒާހަރާއެއް ކޮށްފި

މުސާރަ ނުލިބިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް މާލޭގައި އިއްޔެ ހަވީރު މުޒާހަރާ ކޮށްފި އެވެ.
ހަވީރު 30: 4 ހާއިރު 100 އެއްހާ ބިދޭސީން އާޓިފިޝަލް ބީޗުގެ ސްޓޭޖު ކައިރިއަށް އެއްވެ މުޒާހަރާކުރީ އެ މީހުންނަށް މުސާރަ ނުލިބުމާއި ނިދާނެ ތަނެއް ނެތް ކަމަށް ބުނެ އެވެ. އަދި އެ މީހުންގެ ތެރެއިން ބައެއް ބިދޭސީން ގަވާއިދާ ހިލާފުވެ، އަމިއްލައަށް އެދިގެން އެނބުރި ގައުމަށް ފޮނުވާލާއިރު އެ މީހުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
"އަށް މަހުގެ މުސާރަ ނުލިބޭ. ނިދާނެ ތަނެއް ނެތް. ބޮޑު މީހާ ކައިރިއަށް ދިއުމުން ބުނަނީ ވިސާ ހަމަވެފައޭ. ރަށަށް ދާށޭ. އެކަމަކު ރަށަށް ދަނީ ކިހިނެއް؟ ވިސާ ހަދަން ޖެހެނީ އަހަރެންތަ؟ ނިދަނީ އެކި ތަންތަނުގައި. އެ ތަންތަނަށް ވެސް ލާރި ދޭންޖެހެނީ،" މުޒާހަރާގައި ބައިވެރިވި ބަންގްލަދޭޝްގެ ރައްޔިތަކު ކިޔައިދިނެވެ.
ބިދޭސީން އެ މީހުންގެ ހައްގުތައް ހޯދުމަށްޓަކައި އާޓިފިޝަލް ބީޗަށް އެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުން އެތަނުން ދިއުމަށާއި ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމަށް އެދުނެވެ. އަދި ފުލުސް އޮފީހަށް އެކަކު ނުވަތަ ދެ މީހަކު ގޮސް މައްސަލަ ހުށަހެޅުމަށް އެދުމުން އެތަނުގައި އެވަގުތު އެއްވެ ތިބި ހުރިހާ ބިދޭސީން އަޑުގަދަކުރަމުން ފުލުސް އޮފީހާ ދިމާލަށް ދާން ފެށި އެވެ. އެހެން ނަމަވެސް ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ފުލުހުން އެ ބިދޭސީން ހުއްޓުވި ވަގުތު ދިވެހި ބަޔަކާ ބިދޭސީންނާ ދެމެދު ހަމަނުޖެހުން އުފެދުނެވެ. އަދި އެކަމުގައި ބައިވެރިވި ބައެއް ދިވެހިން ފުލުހުންނަށް ފިލުމަށްޓަކައި ދުއްވައިގަތުމުން ފުލުހުން ވެސް އެމީހުން ފަހަތުން ގޮސް ކާނިވަލުގެ ކެފޭއެއްގެ ތެރެއިން އަތުލި އެވެ. އެކަމަކު އެއްވެސް ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަކަށް ނުގެންދެ އެވެ. އެހެން ނަމަވެސް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައި ވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު ގިނަވަމުންދާތީ އިމިގްރޭޝަން ޑިޕާޓްމަންޓުން މިހާރު ވަނީ އަމިއްލައަށް އެދިގެން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވާލުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އޭޕްރީލް 1 ގެ ނިޔަލަށް އެއީ ސުންގަޑި ކަމަށް ބަލައިގެން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަނީ އެ މީސް މީހުންގެ ގައުމަށް އަނބުރާ ފޮނުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ