ހަވީރު އޮންލައިން ޕޯލްގެ ނަތީޖާ: ދަރުބާރުގޭގެ އިރުން އޮތް ހުސްބިމުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ގިނަ ބަޔަކު ބޭނުމެއް ނުވޭ

ދަރުބާރުގޭގެ އިރުން އޮތް ހުސްބިމުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ފެނޭތޯ ބެލުމަށް ހަވީރު އޮންލައިނުން ކުރި ސާވޭއަކުން، އެ ސަރަހައްދުގައި ހޮޓާ އަޅަން ގިނަ ބަޔަކު ބޭނުން ނުވާ ކަމަށް ދައްކައިފި އެވެ.
އެ ސަރަހައްދުގައި ހޮޓާ އެޅުމަށް ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ހަވީރު އޮންލައިންގައި މި މަހުގެ 12- 19 އަށް ޝާއިއުކުރި ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި ގިނަ ބަޔަކު ބޭނުންވަނީ އެ ސަރަހައްދު ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. މި އޮންލައިން ވޯޓުގައި އެ ތަން ޕާކެއްގެ ގޮތަށް ތަރައްގީކުރުމަށް 1550 މީހުން ވޯޓުދީފައި ވެ އެވެ. އެއީ ޖުމްލަ ވޯޓުގެ 47 ޕަސެންޓެވެ. މީގެ އިތުރުން އެ ސަރަހައްދު މިހާރު އޮތްގޮތަށް އާއްމުން ކުޅޭ ތަނެއްގެ ގޮތުގައި ބޭއްވުމަށް 1282 މީހުން ވަނީ ވޯޓުދީފަ އެވެ. އެއީ 39 ޕަސެންޓެވެ. އެތަނުގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ދީފައި ވަނީ ޖުމްލަ ވޯޓުގެ 12 ޕަސެންޓެވެ. އެއީ 421 ވޯޓެވެ. ހިޔާލު ހޯދުމުގެ މިވޯޓުގައި ޖުމްލަ 3253 ވޯޓުދީފައިވެ އެވެ.
ދަރުބާރުގޭގެ އިރުން އޮތް ހުސްބިމުގައި ހޮޓަލެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް ލަފާއަރުއްވާފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ދަރުބާރުގެ ސަރަހައްދުގައި އަޅަން ނިންމެވި ހޮޓަލަކީ ނަސަންދުރަ ޕެލަސް ހޮޓެލްގެ ބަދަލުގައި ތަރައްގީ ކުރައްވާ ހޮޓަލެއް ކަމަށް ވެސް ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގެ ބަދަލުގައި ދަރުބާރުގޭ ސަރަހައްދުގައި ހޮޓާ އަޅަން ހާއްސަކުރެވޭ ގާތްގަނޑަކަށް 37،000 އަކަފޫޓުގެ ބިން ނެގޭނީ ދަރުބާރުގޭގެ އިރުމަތީކޮޅުގައި އޮތް ބަގީޗާ އިން ފެށިގެން، އިންވެގެން އޮތް މަގާ ޖެހިގެން އޮތް ކޮށީގެ ބައެއް ހިމެނޭ ގޮތަށް ކަމަށްވާތީ ކަމަށް ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ