ރިޔާސީ ކެމްޕެއިން 2008: ދިވެހި ރައްޔިތުންނަށް ފައިސާ އާއި ނުފޫޒު ފޯރުވައިގެން ވޯޓު ހޯދުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން: އަންނި

ދިވެހި ރައްޔިތުންނަށް ފައިސާ އާއި ނުފޫޒާއި ބިރު ދައްކައިގެން ވޯޓު ހޯދުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން މި ވޯޓަށް ދާނީ ސާފުކޮށް، ރީތިކޮށް ސިޔާސަތު ހާމަކޮށްގެން. އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ މިއީ އޭ އަޅުގަނޑުމެން ބުނާނީ. ދިވެހިންނަށްޓަކައި އަޅުގަނޑުމެން މި އެދޭ އުއްމީދުތަކަކީ މިއީ އޭ އަޅުގަނޑުމެން ބުނާނީ. އަޅުގަނޑުމެންނެއް ފައިސާއެއް ބަހާކަށް ނުހިނގާނަން،" އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ލޯންޗްކުރުމާ ބެހޭ ގޮތުން ދަރުބާރުގޭގެ "ފަންސަވީސް" ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަންނި ވިދާޅުވި އެވެ.
އަންނިގެ ވާހަކައިގައި ވަނީ އިންތިހާބުތަކުގެ ތެރެއަށް ފައިސާގެ ނުފޫޒު ވެއްދުން ހުއްޓުވުމަށްޓަކައި ދިވެހި ނޫސްވެރިންނަށް ވެސް ގޮވާލައްވައިފަ އެވެ.
"އެއަށް ވުރެ ބޮޑު ވާޖިބެއް ނޫސްވެރިންގެ މައްޗަކަށެއް ނެތް. ރީތިކޮށް ސާފުކޮށް ސިޔާސީ މަސްރަހު ގެންދިއުމަށް، ފާރަލަމުން ކަނުލައި ބަލަމުން ދިއުން. އަޅުގަނޑުމެން އުއްމީދުކުރަން ފައިސާ ބަދަލުވަމުން ދަނީ ކޮން އަތަކުން އަތަކަށްތޯ ތިޔަ ބޭފުޅުން ރަނގަޅަށް ބައްލަވަމުން ގެންދަވާނެ ކަމަށް. ނޫސްވެރިންގެ ގޮތުގައި ތިޔަ ބޭފުޅުން އުޅުއްވާއިރު މިކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ. އެއީ ތިޔަ ބޭފުޅުންގެ ވާޖިބެއް. އަޅުގަނޑުމެންނަށް އަނެއް ރާއްޖެ އަށް ދެވޭނީ ވެސް، މި ރާއްޖެ އަށް ޑިމޮކްރެސީ ގެނެވޭނީ ވެސް ތިޔަ ބޭފުޅުންގެ ވާޖިބު، ތިޔަ ބޭފުޅުން އަދާކުރައްވައިގެން،" ނޫސްވެރިންނަށް އިޝާރާތް ކުރައްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
އަންނި ވިދާޅުވީ އޭނާގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް މިރޭ ފެއްޓެވުމުގެ ހަފުލާގައި އޭނާގެ ރަނިންމޭޓްގެ ނަން ވެސް އިއުލާން ކުރައްވާނެ ކަމަށެވެ.
އަންނިގެ ވާހަކައިގައި ބުރާސްފަތި ދުވަހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުން ދާއިރު އެމްޑީޕީ އަށް ލިބެމުންދާ ކާމިޔާބީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށާއި މި އަހަރުގެ ނޮވެމްބަރު 11 ވާ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާނީ އޭނާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި ގޮތުގައި އޭނާގެ ކެމްޕެއިންގެ ދުވަސްވަރު ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ އެކި ސިޔާސަތުތައް ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ފަސް ސިޔާސަތެއް އެކުލަވާލައްވާފައިވާއިރު، މިހާތަނަށް ހާމަކުރައްވާފައި ވަނީ ދަތުރުފަތުރުކުރުމުގެ ސިޔާސަތާއި ބޯހިޔާވަހިކަމާ ބެހޭ ސިޔާސަތެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އެ ޕާޓީން ވަކިވެ ވަޑައިގަންނަވަމުން ބުދަ ދުވަހު އާންމު ކުރެއްވި ބަޔާނެއްގައި، ތަސްދީގު ކުރެއްވި ގާނޫނު އަސާސީގެ ދަށުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ތަނަވަސްވެފައިވޭތޯ ސުވާލު ކުރައްވާފައިވާތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކުން ދެންނެވި ސުވާލެއްގައި އަންނި ވިދާޅުވީ އޭނާގެ މައްޗަށް އެއްވެސް މައްސަލައެއްގައި އިސްލާމްދީނުގެ އެއްވެސް ހައްދެއް ކަނޑައަޅާފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ 11 ނޮވެމްބަރު 2008 ވާ އަންގާރަ ދުވަހު ރާއްޖޭގެ ރައީސްކަމުގެ ހުވާ އޭނާ ކުރައްވާނެ ކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ