ރައްޔިތުން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ރައީސް ގޮވާލައްވައިފި

ފެބްރުއަރީ ހަތެއްގައި ރައީސް މުހަންމަދު ނަޝިދުގެ ވެރިކަން ކުއްލިގޮތަކަށް ބަދަލުވުމާއި ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަލުން މަޖިލީހުގެ ޖަލްސާތައް ފެށުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވި ސަބަބު ދިރާސާ ކުރުމަށް އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓާއި ގުޅޭގޮތުން މިއަދު ގައުމާއި މުހާތަބު ކުރައްވައި ރައީސް މުހަންމަދު ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓުން ވަރަށް ގިނަ ކަންތައްތަކެއް ސާފުވެގެން ގޮސްފައި ވާކަމަށާއި، ސިޔާސީ ޕާޓިތަކާއި އެކު މަޝްވަރާތައް އާ އަޒުމަކާއި އެކު މިރޭ ފަށާނެ ކަމަށެވެ.
"މިވަގުތަކީ ދިވެހި ގައުމާއިގެން އަޅުގަނޑުމެން ކުރިއަށް ދާންވީ ވަގުތު. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން، އެކުވެރިކަމާއި އެއްބާރުލުމާއި އެކީގައި މަސައްކަތް ކުރަންވީ ވަގުތު. އަޅުގަނޑުމެން އިހްލާސްތެރިކަން ކުރިއަށް ނެރެންވީ ވަގުތު. ބައިބައިވުމާއި ހަމަނުޖެހުންތަކަށް ފުރުސަތު ނުދީ، އެންމެން އެއް ރުހެއްގައި މަސައްކަތްކުރަންވީ ވަގުތު،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ރައީސް މުހަންމަދު ވަހީދު ވިދާޅުވީ ކޯނި ރިޕޯޓާއި އެހެނިހެން ރިޕޯޓްތަކުން އިދާރީ ގޮތުންނާއި ގާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އެނގިގެން ގޮސްފައި ވާކަމަށާއި، މި ކަންކަން ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ.
ކޯނިއަށް ރައީސް ހަވާލުކުރެއްވި މަސައްކަތް ނިންމުމުން މިއަދު ރައީސް ވަނީ ކޯނި އުވާ ލައްވައިފައެވެ. އެގަރާރުގައި ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ