މުރުސީއާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ރިޔާސީ ގަނޑުވަރު ވަށާލައިފި

މިސްރުގެ ރައީސް މުހަންމަދު މުރުސީއާ ދެކޮޅަށް އެ ޤައުމުގައި މުޒާހަރާ ފެށި މީހުން ވެރިރަށް ގާހިރާގައި ހުންނަ ރިޔާސީ ގަނޑުވަރު ވަށާއިލައިފި އެވެ.
ރިޔާސީ ގަނޑުވަރުގެ ބޭރުގައި ގާއިމްކޮށްފައިވާ ކަށިނަރުގެ ހުރަސްތައް ހަލާކުކޮށްލުމަށްފަހު، ގަނޑުވަރު ހިމެނޭ ސަރަހައްދަށް އިދިކޮޅު ފަރާތްތަކުން ވަނުމުން އެސަރަހައްދު ދޫކޮށް ސަލާމަތީ ބާރުތައް ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ. އެސަރަހައްދު ދޫކޮށް ސަލާމަތީ ބާރުތައް ދިޔައީ ކަރުނަ ގޭސް ބޭނުން ކުރުމުން ވެސް އިދިކޮޅު ފަރާތްތަކުން މައިތިރި ނުވެގެން ކަމަށް ވެއެވެ. ބައެއް ރިޕޯޓްތައް ބުނަނީ ރިޔާސީ ގަނޑުވަރު ހިސޯރު ކޮށްފައިވާ ކަމަށެވެ.
ވެރިރަށް ގާހިރާގައި ހުންނަ ރިޔާސީ ގަނޑުވަރު ކައިރިއަށް އިއްޔެ އެއްވި ލައްކައެއްހާ މީހުނާ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާ ދެމެދުވަނީ ކުރިމަތިލުންތަކެއް ވެސް ހިނގާފަ އެވެ.
ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މިސްރުގެ ރައީސް މުހަންމަދު މުރުސީ ގަނޑުވަރު ދޫކުރައްވާ އެ ސަރަހައްދުން ވަޑައިގެންފައިވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
މިސްރުގެ ރައީސް މިދިޔަ މަހުގެ 22 ވަނަ ދުވަހު ނެރުނު ގަރާރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފެށި މުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާއިރު، ދޭތެރެ ދޭތެރެއިން މުރުސީއަށް ތައީދު ކުރާ ފަރާތްތަކުން ވެސް ގެންދަނީ މުޒާހަރާ ބާއްވަމުންނެވެ.
މަސްރަހު ހޫނުވެފައިވާއިރު މުރުސީއަށް ލިބިދޭ ބާރުތައް އިތުރުކޮށް އެކުލަވާލާފައިވާ ޤާނޫނު އަސާސީގެ އެންމެ ފަހުގެ ދެލިކޮޕީއާމެދު ރައްޔިތުން ދެކޭގޮތް ބަލަން މިމަހު 15 ގައި ފެންނަ ނުފެނަން ވޯޓަކަށް ދިއުމަށް މުރުސީ ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ