ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯގެ މައްސަލަ މިދަނީ ބަލަމުން: ޕޮލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ އިތުރުން ވެސް އެ ވީޑިއޯ ނެގި މީހުންނާއި އެ ވީޑިއޯ ބޭނުން ކޮށްގެން ބްލެކް މެއިލް ކުރިކަމަށް ތުހުމަތުކުރެވޭ ބައެއްގެ މައްސަލަތައް ވެސް ފުލުހުން މިހާރު ބަލަމުން ގެންދާ ކަމަށާއި ބަރަހަނާ ވީޑިއޯ އާއި ގުޅުންހުރި އެހެން މައްސަލަތައް ވެސް މި ތަހުގީގުގައި ބަލާނެ ކަމަށެވެ.
ބަރަހަނާ ވީޑިއޯ މައްސަލައާއި ގުޅިގެން ފުލުހުން ފެށި ތަހުގީގުގާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވީޑިއޯގެ މައްސަލައިގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އަދި އެ ވީޑިއޯ ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އިންފްރާސްޓްރަކްޗާގެ ކުރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.
ސ. ހުޅުދޫއަށް އުފަން އަލީ ހަމީދުވަނީ މައްކާގެ އުންމުލް ގުރާ ޔުނިވާސިޓީގައި ގާނޫނީ ދާއިރާއިން ޑިގްރީ ހާޞިލުކުރައްވައި ކެނެޑާގެ ކޮމަންވެލްތް ޖުޑީޝަލް އެޑިއުކޭޝަން އިންސްޓިޓިއުޓް ތައުލީމް ހާސިލު ކުރެއްވާފަ އެވެ.
އިނގިރޭސި ބަހާއި އަރަބި ބަހާއި އުރުދޫ ބަހަށް ފަރިތަ ގާނޫނީ ވަކީލު، އަދި ފަނޑިޔާރު އަލީ ހަމީދު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި 1996 އިން ފެށިގެން 2010 އާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި 1993 އިން ފެށިގެން 1996 އާ ހަމައަށް މިނިސްޓްރީ އޮފް ޖަސްޓިސް ގެ ގާޒީ ކަމާއި ކޯޓު ނަންބަރު 1، 2 އަދި 4 ގެ ސިޓިން ޖަޖްކަން ހިމެނެ އެވެ.
މީގެ އިތުރުން ގާނޫނު މުރާޖާ ކުރާ ކޮމިޓީގެ މެމްބަރުކަމާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ މެމްބަރުކަމާއި ލޯ ކޮމިޝަނުގެ މެމްބަރުކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމާއި ނެޝަނަލް ޕެރޯލް ބޯޑުގެ މެމްބަރުކަން ހިމެނެއެވެ. އަދި ރައީސް އޮފީހާއި ހޯމް މިނިސްޓްރީ އާއި ބަންޑާރަ ނައިބު އޮފީހުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ