ހައްގު ޝުކުރު އަދާ ކުރުމަކީ ދީނީ ވާޖިބެއް: މައުމޫން

ޝުކުރު ހައްގުވާ ފަރާތްތަކަށް ޝުކުރުވެރިވުމަކީ ދީނީ ވާޖިބެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ފައުންޑޭޝަނުން ރޯދަ މަހުގެ ރޭތައް އިހުޔާ ކުރުމުގެ ގޮތުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ޝުކުރުވެރިވާންވީ ފަރާތަކީ ﷲ ކަމަށާއި އެކަލާނގެއަށް ޝުކުރުވެރިވުމަށް ތަކުރާރުކޮށް ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ކަމަށެވެ. މާތް ﷲ އަށް ޝުކުރުވެރިވުމަކީ މުސްލިމުންގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށާއި މާތް ﷲ އަށް ޝުކުރުވެރިވުމަކީ އެކަލާނގެއަށް ފުރިހަމައަށް އީމާންވެ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުން ކަމަށެވެ.
ޝުކުރުވެރިވާންވީ ދެވަނަ ފަރާތަކީ މައިންބަފައިން ކަމަށާއި މައިންބަފައިންނަށް ޝުކުރުވެރި ވުމަކީ ކިޔަމަންވުމާއި، އޯގާތެރިވުމާއި ހެޔޮކޮށް ހިތުމާއި ހެޔޮ ދުޢާކުރުން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ އިންސާނަކީ ވެސް ޖަމާއަތެއްގެ ތެރޭގައި ދިރިއުޅެން ޖެހޭ އެހީއާނުލައި ދިރި ނޫޅެވޭނެ މީހަކު ކަމަށްވާތީ ތިމާޔަށް ހެޔޮކަމެއް ކޮށްދޭ ނުވަތަ އެހީތެރިވާ ކޮންމެ މީހަކަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.އެހެން މީހުންނަށް ޝުކުރުވެރި ނުވާ މީހަކީ މާތް ﷲ އަށް ވެސް ޝުކުރުވެރި ނުވާ މީހަކު ކަމުގައި ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވުމުން އެހެން މީހުންނަށް ޝުކުރު އަދާކުރުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ