ޕީޕީއެމްގެ ޕްރައިމަރީގައި ކާމިޔާބުކުރާ ބޭފުޅަކީ ގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަލައިގަންނަ ބޭފުޅަކަށް ވާންވާނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކައުންސިލް އިންތިހާބުން ޔާމީންގެ "ޔަގީން ޓީމަށް" ބޮޑު ކާމިޔާބީއެއް ލިބުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ ޕްރައިމަރީގައި ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުތައް އިތުރުވެފައި ވާކަމަށެވެ. އަދި ޔަގީން ޓީމުން މަސައްކަތް ކުރާނީ ޕާޓީ އިތުރަށް ކުރިއަރުވައި، ހަރުދަނާ ކުރުމަށް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ޕްރައިމަރީން ދައްކާ ބޭފުޅަކީ ބަލައިގަންނާނެ ބޭފުޅެއް. ގައުމުގެ ގިނަ ރައްޔިތުންނަކީ ގައުމުގައި އަޅުގަނޑުމެން ޕާޓީގައި ނުހިމެނޭ މީހުން. އެ ރައްޔިތުންގެ އަގްލަބިއްޔަތެއް ލިބޭނެ ބޭފުޅަކަށްވާނެ ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކު. އެހެންވީމާ މީ އަޅުގަނޑުމެން ޕާޓީގެ މެމްބަރުންވެސް އެކަމާ ދޭތެރޭ ހިޔާލުކުރައްވައި، ވޯޓު ލައްވާއިރު ވިސްނާލާނެ ކަންކަން ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ކައުންސިލަށް ހޮވިގެން ގޮސްފައިވަނީ ވަރަށް ތައުލީމީ އަދި ގާބިލް ބޭފުޅުންތަކެއް ކަމަށެވެ. އަދި ޔަގީން ޓީމުގެ ސިޔާސަތަކަށް ވެގެން ދާނީ ޕާޓީ މިހާރަށްވުރެ "ބަދަހި" ޕާޓީއަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ކައުންސިލް ވޯޓުގައި ޔާމީންގެ ޔަގީން ޓީމުން ވަނީ 14 ގޮޑީގެ ތެރެއިން 12 ގޮޑި ކާމިޔާބު ކުރައްވާފައެވެ. އަދި ނާއިބު ރައީސްގެ މަގާމަށް އެންމެ ގިނަ ވޯޓާ ހޮވިވަޑައިގެންނެވި އަހުމަދު އަދީބަކީވެސް ޔަގީން ޓީމުގެ ބޭފުޅެކެވެ. ޔަގީން ޓީމުގެ އަދީބުގެ އިތުރުން ޓީމް އުމަރުގެ މެމްބަރު އިލްހާމް އަހުމަދުވެސް ވަނީ ޕާޓީގެ ނާއިބު ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ކައުންސިލުން ގުޅިގެން ޕާޓީ ކުރިއެރުވުމަށް މަސައްކަތް ނުކޮށްފިނަމަ އެންމެ ބޮޑަށް ގެއްލުން ލިބިގެންދާނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންނަށް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ޕާޓީ ތެރޭ މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަން ޔަގީން ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. ޔަގީން ޓީމުން މަސައްކަތް ކުރާނީ ޕީޕީއެމްއަކީ މިހާރަށްވުރެ ބަދަހި ޕާޓީއަކަށް ހަދަން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ޕާޓީއަކީ ކުރިއަށްވުރެ ވެސް ބަދަހި ޕާޓީއަކަށް ހެދޭތޯ ކުރާ މަސައްކަތް އަޅުގަނޑުމެން ކުރާނީ. މިހެން ނުވެއްޖެ ކަމަށް ވަންޏާ މީގެ ގެއްލުންވެސް އެންމެ ބޮޑަށް ވާނީ އަޅުގަނޑަށް. އަޅުގަނޑަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން އުޅޭ މީހެއް. އެހެންވީމަ ޕާޓީ ބައިބައި ވުމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އެދޭނެކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ކައުންސިލް ނަތީޖާއިން، ރިޔާސީ ޕްރައިމަރީއަށް ކޮންމެވެސް ވަރަކަށް ހިންޔަނި އެޅިގެން ދާނެ ކަމަށެވެ.
ޕްރައިމަރީ ކާމިޔާބުކުރާނީ ރައްޔިތުން ބަލައިގަންނަ ބޭފުޅެއް: ޔާމީނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ