ނާޒިމް ދޫކޮށްލުމަށް މައުމޫން އާދޭސް ކުރެއްވި: އިމްރާން

ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ ލިބޭ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް "އާދޭސް ކުރެއްވި" ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް" ނަމުގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ނާޒިމް ފްރޭމްކުރި ކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އިރު، ނާޒިމް ދޫކޮށްލުމަށް ރައީސްގެ އަރިހުގައި މައުމޫން ދެންނެވި ކަމަށެވެ. "އަޅުގަނޑު ދެނެހުރިން ޕީޕީއެމްގެ ރައީސް އަދި އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން ވިދާޅުވިކަން ނާޒިމް ދޫކޮށްލުުމަށް. ތި އަނިޔާކުރައްވަނީ މިހެން ނޫންހޭ. ދޫކޮށްލާށޭ. ދޫކޮށްލާށޭ. އެކަމަކު [ނާޒިމް ފްރޭމްކުރި ކަމެއް] އެމަނިކުފާނަށް ވެސް އެނިގަޑައެއްނުގެންނެވި،" މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ސަރަހައްދުގައި ހުންނަވައިގެން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވި އެވެ. ރޭ އަދާލަތު ޕާޓީ އަދި އެމްޑީޕީ ގުޅިގެން ބޭއްވި އެއްވުމުގައި ފުލުހުންނާއި އާއްމުންގެ ކުރިމަތިލުމެއް ހިނގަނީ.--ހަވީރު ފޮޓޯ: ނިޝާން އަލީ އިމްރާން ވިދާޅުވިގޮތުގައި މިހާރު އަދާލަތާއި އެމްޑީޕީ ގުޅިގެން ކުރާ މަސައްކަތްތަކަށް ދަނީ ކާމިޔާބު ލިބެމުންނެވެ. "އެއް މަސް ވެއްޖެ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރާތާ. މީގެ ކުރިއަކުން ރައީސަކަށް ވާހަކަދައްކާކަށް އެނގިވަޑައެއް ނުގަތް. އެކަމަކު މިހާރު ވާހަކަދައްކަވަން ފަށައިފި. މާދަމާ ކަންނޭނގެ ނިކުންނާނެ މި މަގުމައްޗަށް ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށޭ ކިޔާފައި،" އިމްރާން ވިދާޅުވި އެވެ. ނާޒިމްގެ ގެ އަށް ފިސްތޯލަ ވެއްދުމަށް ރޭވި މީހުންނާއި އެކަން ތަންފީޒުކުރި މީހުން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ސަރުކާރުގެ ބައެއް އިސް ވެރިން ކޮރަޕްޝަންގެ އަމަލުތައް ފާޅުގައި ހިންގަވަމުން ގެންދަވާ ކަމަށް އިމްރާން ވިދާޅުވެފައި ވާތީ ރައީސް ޔާމީން ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ ނުވަތަ ސާބިތު ހެކިތަކެއް ވާނަމަ ޝަރީއަތުގެ ތެރެއިން އެކަން ކުރިއަށް ގެންދަން ރައީސް ޔާމީން އިރުޝާދުދެއްވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުގެ ތެރޭގައި ހިންގާ ކަމަށް ފާހަގަކުރެވިފައި ވާ ނަމަ، އެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުއްވުމަށް އިމްރާނަށް ރައީސް ވިދާޅުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އިމްރާން ރޭ ވިދާޅުވީ ރައީސް ޔާމީން މަސައްކަތްކުރައްވަަމުން ގެންދަވަނީ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްދަށަށް ގެންދަވަން ކަމަށެވެ. "ބައެއް މެމްބަރުންނަށް ބިރުދައްކާފައި ޖަލަށްލައި ޖަލްސާއިން ބޭރުކޮށްފައި ދެން ފެއްޓެވީ ޖަލްސާ ބާއްވަން. މަސައްކަތް މި ފެށީ މަޖިލީހުގެ 66 ޕަސެންޓް މީނާގެ ދަށަށް ގެނެސް. ދެން ބޭނުންވާ ކޮންމެ ގާނޫނެއް ފާސްކުރަން ފެށީ،" އިމްރާން ވިދާޅުވި އެވެ. އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެއްވުމުގައި، އެގާރައިގެ ފަހުން އަޑުގަދަކުރުން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ވަނީ ހިނގާފަ އެވެ. މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ކައިރީގައި ހިނގި އެ ހަމަނުޖެހުމުގައި ޕެޕާ ސްޕްރޭ ޖެހުމަށް ފަހު ބައެއް މީހުން ހައްޔަރުކުރި އިރު އޭގެ ތެރޭގައި ޗެނަލް ވަންގެ ނޫސްވެރިއަކު ވެސް ހިމެނެ އެވެ. އެއްވުންތަކުގައި ރޭގަނޑު އެގާރައިގެ ފަހުން އަޑުގަދަކުރުމާއި މެންދަމު ބާރައިގެ ފަހުން އެއްވުން ކުރިއަށް ގެންދިޔުމާއި ތަކުރާރުކޮށް އެއް ތަނަކަށް އެއްވުން ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އާޓިފިޝަލް ބީޗުން ފަށައިގެން ހިނގާލުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެއްވުން ނިންމާލީ މަޖީދީމަގުން، ލޮނުޒިޔާރަތްމަގުން ގޮސް ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ